ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ދިނުމަށް ވަކި މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ރޭ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ރައްޔިތުންނާ ގާތުން ސިއްހީ ހިދުމަތް ދިނުން ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ދިނުމަށް ވަކި މުއައްސަސާއެއް އުފައްދައި އެ މުއްސަސާގެ ދަށުން ޕްރައިމަރީ ހެލްތު ކެއާގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

"ޕްރައިމަރީ ހެލްތު ކެއާ ދިނުމަށްޓަކައި ވަކި މުއައްސަސާއެއް އުފައްދަން ޖެހޭ. އެހެންވެ އެ މުއައްސަސާވެސް އަޅުގަނޑުމެން އުފައްދަން ޖެހޭނެ. ދެން އުފެއްދުމާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކުރެވި ވަކި ކަންތައްތަކެއް ވަނީ ހަމަޖައްސާފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކެބިނެޓުގެ ރުހުމާއެކު އެ މުއައްސަސާ ވަރަށް އަވަހަށް އުފެއްދޭނެ ކަމަށާއި އެ މުއައްސަސާއާއެކު ކުރިއަރާފައިވާ ގައުމުތަކުގައި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ދޭ އުސޫލުން ރާއްޖޭގައިވެސް އެ ހިދުމަތްތައް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާ ކޮށް ކުރިއަރުވަން ރާއްޖޭގައި ގާއިމް ކުރެވޭ ޓާޝަރީ ހޮސްޕިޓަލުތަކަކީ މުހިންމު ދައުރެއް އަދާ ކުރާނެ ތަންތަން ކަމަށެވެ. އަދި އޭގެން ކޮންމެ ހޮސްޕިޓަލެއްވެސް ހާއްސަވާނީ ކޮންމެވެސް އެއް ހިދުމަތެއް ދިނުމަށް ކަމަށް ވިދާޅުވިއެވެ.

"އެގޮތުން ލާމު އަތޮޅުގައި ހަދާ ހޮސްޕިޓަލް ކެންސަރަށް ހާއްސަ ކުރެވިފައި މިވަނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށާއި މި ސަރުކާރު ވެގެންދާނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ސަރުކާރަކަށް ކަމަށެވެ.