ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި މިއަދު ބޭއްވި އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްގެ އޮފީސް ސަރަހައްދުން އިދިކޮޅުން މިއަދު ހަވީރު މުޒާހަރާ ފެށި އިރު، މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އަނިޔާ ނުކުރުމަށް ގޮވައިލައިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ ވިދާޅުވީ، މިއަދުގެ އިހުތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީއެންސީ ކައުންސިލް މެންބަރަކާއި ސްޓިއަރިން ކޮމިޓީގެ މެންބަރެއްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހީމެވެ.
ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް އިއްޔެ ރައްޔިތުންގެ މަޖިލިސް އިދާރާއަށް ވަޑައިގެންނެވުމުން ވެސް އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފައެވެ. ރައީސް ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ މެންބަރުންނާ ބައްދަލުވެސް ކުރައްވައިފައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ދެމެހެއްޓުމުން އިދިކޮޅުގެ ކައުންސިލުން ވަނީ ސީދާ ހަރަކާތަށް ނުކުންނަން ފާސްކޮށްފައެވެ. އޭގެ ފަހުން އިދިކޮޅުން ދަނީ މާލެއާއި އަތޮޅުތެރޭގައި ސިލްސިލާ ގޮތެއްގައި އެއްވުންތައް ބާއްވަމުންނެވެ.
އިދިކޮޅުން ބުނެފައިވާ ގޮތުގައި އިދިކޮޅުގެ މަގުމަތީ ހަރަކާތްތައް ނިންމައިލާނީ ރައީސް ޔާމީން މިނިވަންކުރުމަށް ފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު