މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން މިއަދު ވެސް މާލޭގެ މަގުތަކުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

ޕީޕީއެމްގެ އޮފީސް ސަރަހައްދުން މިއަދު ހަވީރު މި އިހުތިޖާޖު ފަށާފައިވާ އިރު، އިހުތިޖާޖުގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އަނިޔާ ނުކުރުމަށް ގޮވައިލަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން މިހާރު ތިބީ މަޖީދީ މަގުގައި ހުންނަ ތެލަސީމިއާ ސެންޓަރު ކައިރީގައެވެ.

އެނގިފައިވާ ގޮތުގައި މި އިހުތިޖާޖުގެ ތެރެއިން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވުމަށް އިއްޔެ ރައްޔިތުންގެ މަޖިލިސް އިދާރާއަށް ވަޑައިގެންނެވުމުން ވެސް އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފައެވެ. ރައީސް ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ މެންބަރުންނާ ބައްދަލުވެސް ކުރައްވައިފައެވެ.

ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ދެމެހެއްޓުމުން އިދިކޮޅުގެ ކައުންސިލުން ވަނީ ސީދާ ހަރަކާތަށް ނުކުންނަން ފާސްކޮށްފައެވެ. އޭގެ ފަހުން އިދިކޮޅުން ދަނީ މާލެއާއި އަތޮޅުތެރޭގައި ސިލްސިލާ ގޮތެއްގައި އެއްވުންތައް ބާއްވަމުންނެވެ.

އިދިކޮޅުން ބުނެފައިވާ ގޮތުގައި އިދިކޮޅުގެ މަގުމަތީ ހަރަކާތްތައް ނިންމައިލާނީ ރައީސް ޔާމީން މިނިވަންކުރުމަށް ފަހުއެވެ.