އެމްޕީއެލް ސަރަހައްދުގައި ހިނގި ހާދިސާގައި ގައިމައްޗަށް ކާޕެޓް ރޯލު ވެއްޓުނު މީހާގެ ދެފައި އިރައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2:15 އެހާއިރުއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން"އަށް ވިދާޅުވީ އެމްޕީއެލްގެ ކްރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 28 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިމައްޗަށް ވެއްޓި، އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ ދެފައި އިރާގައިގެން ގޮސްފައިވާ ކަމަށާއި އަދި މޫނުމައްޗަށް އަނިޔާވެ، އަނގައިން ލޭ އައިސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ހެނދުނު ކަށަވަރުކޮށްދެއްވި ގޮތުގައި އެ މީހާ އައިޖީއެމްއެޗްގެ މެއިން ތިއޭޓަރަށް ވެއްދީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި ވެސް އޮތީ ތިއޭޓަރުގައެވެ.

"ތިއޭޓަރުން ނެރޭނެ އިރެއް އަދި ނޭނގެ، ލިބިފަ ހުރި އަނިޔާތަކުގެ ސީދާ ތަފްސީލެއް ވެސް އެނގޭނީ ނެރެވުނީމަ." އައިޖީއެމްޗްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގައި ޒަހަމްވެފައިވަނީ ދިވެއްސެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން، ކާޕެޓް ރޯލު އެމީހާގެ ގައިމައްޗަށް ވެއްޓިގެން ކަމަށް އެމްޕީއެލްގެ އޮފިޝަލު ވިދާޅުވިއެވެ. މިގޮތަށް މުދާ ނެރުމުގެ މަސައްކަތަކީ އެމްޕީއެލްއިން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެކަން ކުރާނީ މުދަލުގެ ވެރިފަރާތާއި އެ ފަރާތުން ވައްދާ މަޖޫރީ ގުރޫޕުތައް ގުޅިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"އެ ސަރަހައްދަށް ބޭރު ވެހިކަލްތައް ވެއްދުން މަނާވާނެ. އެހެންވީމަ އަޅުގަނޑުމެން ދޭނީ ޑްރައިވަރަކާ ވެހިކަލް. ކަން ކުރާންވީ ގޮތާއި މުދާ އަރުވައި ބޭލުމާއި ޖެއްސުން ފަދަ ހުރިހާ ކަމެއް ކުރިޔަށް ގެންދާނީ މުދަލުގެ ވެރިފަރާތާއި އެފަރާތުން ކަނޑައަޅާ މަޖޫރީ ގުރޫޕުން." އެމްޕީއެލްގެ އޮފިޝަލު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިގޮތަށް މުދާ ބަރުކުރުމާއި ނެރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރުވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ގަވައިދުތަކެއް އެމްޕީއެލްއިން ހަދައި އެކަން ކުރާ އަމިއްލަ ފަރާތްތަކަށް އަންގާފައި އޮންނަ ކަމަށެވެ. އެ ގޮތުން ކެރޭނުން މިގޮތަށް މިދާ އުފުލައި ހަދާއިރު އޭގެ ދަށުގައި ތިބުމަކީ ކަނޑައެޅިގެން މަނާކޮށްފައި އޮންނަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މުދާތައް ނެރުމުގެ މަސައްކަތް ކުރީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގެ ފަރާތުން ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އެމްޕީއެލް ސަރަހައްދުގައި މިފަދަ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގައި ބިއްލޫރި ޕެލެޓްތަކެއް ދަށުވި ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ މިދިޔަ މަހުގެ 16 ގައެވެ.