މިއަހަރުގެ މިހާތަނަށް 99،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 99،397 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ މަހު 92،103 ފަތުރުވެރިޔަކު ރާއްޖެ އައިސްފައިވާ އިރު، މިމަހު ރާއްޖެ އައިސްފައިވަނީ 7،294 ފަތުރުވެރިއެކެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް 2،971 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ނަމަވެސް، މިމަހު ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 2،431 ފަތުރުވެރިންނެވެ. މިމަހު ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ މަހު އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކުރި ނަމަވެސް، މިމަހުގެ މިހާތަނަށް ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ އަށް ދުވަހެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 22،365 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައިސްފައިވާ އިރު، އެގައުމުން 20،933 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޔޫކްރެއިނުން އައިސްފައިވާ އިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކަޒަކިސްތާނާއި ފްރާންސުންނެވެ.
މިވަގުތު ރާއްޖޭގައި 43،638 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 145 ރިސޯޓަކުން 33،372 އެނދާއި 343 ހޮޓަލާއި ގެސްޓްހައުސުން 7،656 އެނދާއި 135 ސަފާރީ އުޅަނދަކުން 6،198 އެނދެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 193،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 550،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް