އިނގިރޭސިވިލާތަށް އެތެރެ ކުރާ ދިވެހި މަހުގެ ބާވަތްތަކުން ނަގާ ޓެރިފްގެ އަދަދު 20 ޕަސެންޓަށް ކުޑަކޮށްފިއެވެ.

އިނގިރޭސިވިލާތަށް އެތެރެ ކުރާ ދިވެހި މަހުގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި މީގެ ކުރިން ނަގަމުން ގެންދިޔައީ 24 ޕަސެންޓެވެ. އެއީ ޔޫރޮޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފްގެ ނިސްބަތެވެ. ނަމަވެސް އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމާ ގުޅިގެން ދިވެހި މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް އެގައުމާއެކު ސަރުކާރުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ޕީއެސްއެމްގެ "ރިޔާސީ ބަޔާން 2021"ގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވީ އިނގިރޭސި ހާރިޖީ އޮފީހުގެ މިނިސްޓާ ފޯ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތޯރިގް އަހުމަދު އޮފް ވިމްބެލްޑަންއަށް އިއްޔެވެސް ގުޅުއްވައި ވާހަކަ ދައްކަވާފައިވާ ކަމަށާއި އެމަނިކުފާނާ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު މަސްވެރިކަމުގެ ވާހަކަ ދައްކަވާ ކަމަށާއި އިއްޔެ ވެސް މަސްވެރިކަމުގެ ވާހަކަތައް ދެއްކެވި ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރުމަށް އޮތް 24 ޕަސެންޓް މިހާރު 20 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އުފަލާއެކު ދަންނަވަން ޖެހޭ އެއް ވާހަކައަކީ މި ސަރުކާރު އައި ފަހުން އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރުމަށް އޮތް 24 ޕަސެންޓް މިހާރު 20 ޕަސެންޓަށް ދަށްކޮށްފި. އެހެންވީމަ ލުޔެއް ދީފި. އަޅުގަނޑު އެމަނިކުފާނު (ލޯޑް އަހުމަދުު) އަށް ދެންނެވި ބަލައެއް ނުގަންނަމޭ ތިދެއްވީ ލުޔެއް ކަމަކަށް. އަޅުގަނޑުމެން ޝުކުރުވެރިވަމޭ އެހެން ނަމަވެސް ތިއީ ލުޔެއް ނޫނޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މަސްވެރިންނަށް މި ސަރުކާރުން ލުއި ގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އީޔޫއިން ދިވެހި މަހުން ނަގާ 24 ޕަސެންޓް ޓެރިފްގެ އަދަދު ކުޑަކުރުމަށްވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

"އީޔޫއަށް މިދިޔަ ސަރުކާރުން ހުތުރުވެގެން ނުގޮވާކަށް އެއްޗެއް ނެތް، އެހެންވުމުން ވާހަކަ ދައްކައިގެން ކަންކަން ހައްލެއް ނުވާނެ. އަޅުގަނޑުމެން ސަރުކާރަށް އައިއިރު ކަން އޮތީ އެހިސާބުގައި. 24 ޕަސެންޓް ޓެކްސް ރާއްޖޭ މަސް އެކްސްޕޯޓް ކުރުމަށް އީޔޫ އިން ނަގާ. އެވާހަކަ ދައްކަމުން މިދަނީ، މިދިޔަ ހަފުތާގައިވެސް ސަފީރާ ވާހަކަ ދައްކައިފިން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން އެއް ދިމާލަކަށް އެކަނި ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި ދިވެހި މަސް ވިއްކޭނެ އެހެން މާކެޓްތައްވެސް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން 2019 ގައި ރަޝިއާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ މާކެޓަށް ދިވެހި މަސް ވިއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވުނު ކަމަށާއި އެމަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ރަޝިއާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ މީހުން ރާއްޖެ އައިސް ރާއްޖޭގެ މަސް ފެކްޓްރީތައް ބަލައި، ހުއްދަ ދޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ އާއި ޗައިނާ އަދި ގަލްފްގެ ހުރިހާ ގައުމަކަށްވެސް ދިވެހި މަސް ވިއްކުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި މަސްވެރިންނަށް މާކެޓް ހޯދައިދޭނެ ކަމަށާއި އުފާވެރި ހަބަރުތައް ގެނެސްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.