އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ގާނޫނު އަސާސީގެ ދިފާއުގައި މި މަހުގެ 31 ވަނަ ދުވަހު، މާލޭގައި ބޭއްވުމަށް ރާވާ ހިނގާލުމަށް އެހެން ސިޔާސީ ޕާޓީތަކަށް ވެސް ދައުވަތު ދޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ސަރުކާރުން ގައުމު ކުރިއަށްގެންދާ މިސްރާބުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ގެއްލުންތަކެއްވަމުންދާ ކަމަށެވެ.

އަނަސް ވިދާޅުވީ، މި މަހުގެ 31 ވަނަ ދުވަހު އެމްޑީޕީން ކުރިއަށްގެންދާ ހިންގާލުމަކީ ސުލްހަވެރި ހިންގާލުމެއް ކަމަށެވެ.

"އެމްޑީޕީއަކީ އިންތިޒާމުކޮށް ރޭވިގެން ސިޔާސީ ހަރަކާތް ހިންގުމަށް ފަރިތަ ޕާޓީއެއް. މި ޕާޓީއަކީ މި ގާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިންވެސް ވުޖޫދުގައި އޮތް ހަމައެކަނި ދެމިގެންދާ ޕާޓީވެސްމެ،" އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ، އެ ހިނގާލުމުގައި ބައިވެރިވާން ބޭނުންވާ އެހެން ސިޔާސީ ޕާޓީތަކަށް ވެސް އެ ދައުވަތު ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"އެ މަސައްކަތްވެސް އަޅުގަނޑުމެން އެކި ޕާޓީތަކާއި މަޝްވަރާކޮށްގެން ކުރިއަށް އެބަ ގެންދަން،" އަނަސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު،. ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވީ، ގާނޫނަކީ މިއަދު "ކުޅޭކުޅޭ" އެއްޗަކަށް ހަދައިފައިވާ ކަމަށާއި ރައްޔިތު މީހާގެ ޒާތީ ހުރިހާ ކަމަކަށް ސަރުކާރުން ބެހެން ފަށާފައިވާ ކަމަށެވެ.

"ގާނޫނަކީ މިއަދު ކުޅޭކުޅޭ އެއްޗަކަށް ހަދައިފި. ގާނޫނުން ނުބެހޭ ކަމެއް ދަމެއް ނެތް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ރައްޔިތުން މިއަދު ބުނަނީ "ފުނޑިއްޖޭ، ފުދިއްޖޭ، ދެން ނުތިބެވޭނޭ" ކަމަށާއި 31 ވަނަ ދުވަހު އެމްޑީޕީން މާލޭގެ މަގުތަކަށް ނުކުންނަކީ އެހެންވެ ކަމަށެވެ.