ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، އަވަސް އަރުވާލައިގެން ރައްޔިތުންގެ ހިޔާލެއް އަދި ކަމާބެހޭ އެއްވެސް ފަރާތެއްގެ ހިޔާލެއް ހޯދުމަކާ ނުލައި 10 ގަޑިއިރުގެ ތެރޭގައި ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމުން، ހުދު މުހުތާރުކަން އިސް ކުރުމުގެ އިތުރުން ޖަވާބު ބޭނުންވާ ގާނޫނީ ސުވާލުތަކެއް ވެސް އުފެދިފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އަށް އިޝާރަތް ކުރައްވައި، ޝާހިދު ވިދާޅުވީ، އެ މާއްދާގައި ބުނާގޮތަށް މަޖިލިސް މެންބަރުން ދެން އަމަލު ކުރާނީ ކޮން ގޮތަކަށްތޯ، އުފެދިފައިވާ ސުވާލަށް މަޖިލީހުން ޖަވާބުދޭން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ގާނޫނުސާސީގެ އެއް މާއްދާއަށް އަމަލުކުރަން މެންބަރުންނަށް ހުރަސްތަކެއް ދިމާވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ، މަޖިލިސް މެންބަރުން އަމަލު ކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަންދީގެން ކަމަށާއި އެއްވެސް މެންބަރަކު، އެމީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއަރުވަން މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުން އިންތިހާބުވި ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އިއްޔެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނާގޮތުން މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ޕީއެންސީން ބުނާގޮތަށް އެކަނި ކަމަށާއި އެނޫން ގޮތަކަށް މަސައްކަތްކޮށްފިއްޔާ ގޮނޑި ގެއްލޭނެ ކަަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، 2008 ގައި ގާނޫނުއަސާސީ އިސްލާހު ވެގެން އައި އިރު، އޭރު ހިނގަމުން އައި ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް އަލުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2009 ގައި ބާއްވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅީ، ރައްޔިތުންގެ މަޖިލީހަށް އަސަރުކުރާ ފަދަ ބަދަލުތަކެއް ގާނޫނުއަސާސީން ގެނައުމުން، އޭރު ތިއްބެވި މެންބަރުންނާއެކު ކުރިއަށް ނުދާނެ ކަމާއި އެ މެންބަރުން އިންތިހާބުވެފައި އޮތީ ކުރީގައި އޮތް ގާނޫނު އަސީސީއަކުން ކަމަށްވާތީ އަލުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރަން ޖެހިގެން ކަމަށެވެ.

"އިއްޔެ މިގެނައި ބަދަލުތަކާ އެކީ އަލުން އަޅުގަނޑުމެންނަށް ކުރިމަތިވާ ސުވާލަކީ މިހާރު ތިއްބެވި މަޖިލީހުގެ މެންބަރުން، އެ މެންބަރުންގެ މައްޗަށް މި ބަދަލުތައް ހިނގާނެތޯ ނުވަތަ ނޫންތޯ، ނުހިނގާނަމަ އެއީ ކީއްވެގެންތޯ، ހިނގާނަމަ އެއީ ކީއްވެގެންތޯ، އެ ބޭފުޅުން އިންތިހާބުވެގެން އައީ މި މާއްދާނެތް ގާނޫނުއަސާސީއެއްގެ ދަށުން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހާ ގުޅިގެން އުފެދޭ އެންމެ ބޮޑު ސުވާލަކީ މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ ލެޖިޓީމެސީ، މި ބަދަލާއެކު އެބައޮތްތޯ، ކުރެވޭ ސުވާލު ކަމަށެވެ. އަލުން ރައްޔިތުންގެ މަޖިލީހެއް އިންތިހާބު ކުރަން ވެއްޖެތޯ އެއީ އުފެދޭ ސުވާލެއް ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހުގެ ބާކީ އޮތް ހުރިހާ ދުވަހަކަށް ރައްޔިތުންގެ ބަޔަލު ސުވާލު ކުރަމުންދާނެ ގާނޫނުއަސާސީއަށް އިއްޔެ ގެނައި ބަދަލާ ގުޅިގެން ގާނޫނުއަސާސިއަކު ނެތޭ ބުނެފައެއް މިހާރު މިއޮތް މަޖިލިސް ދެމި އޮންނާނެއެކޭ، އެހެންކަމުން މިހާރު މިއޮތް މަޖިލީހުގެ ގާނޫނީ ހައިސިއްޔަތެއް ނެތޭ އެސުވާލުތަކުގެ ޖަވާބު ރައްޔިތުންނަށް ބޭނުންވޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިއްޔެ ގެނައި އިސްލާހުން ދައުލަތުގެ އަނެއް ދެބާރު ކަމަށްވާ ޝަރޫއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ރައީސުލްޖުމްހޫރއިްޔާގެ ކުށުތެރޭގައިވާ ކަމަށެވެ.