މާލޭ ސަރަހައްދުގެ ކޮވިޑްގެ ނަންބަރުތައް މައްޗަށް ދިއުމާއެކު މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފެއެވެ. އެ ގަޑީގައި ވެހިކަލް ދުއްވޭނީ ހާއްސަ ހުއްދަ އޮންނަ މީހުންނަށް އެކަންޏެވެ.

ވެހިކަލް ދުއްވުން މަނާކުރުމުން ގިނަ ބަޔަކު އެ އެންގުމަށް އިޖާބަދިން އިރު މަދުން ނަމަވެސް މަނާ ވަގުތުގައި ވެހިކަލްތައް ދުއްވާ މީހުން އުޅެއެވެ. އެފަދަ މީހުންނާ މެދު ފުލުހުން އަންނަނީ އިންޒާރު ދިނުމެއް ނެތި ފިޔަވަޅު އަޅަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމެވެ. އެޗްޕީއޭގެ ފިޔަވަޅުތަކަށް ބޯލެނބުމުގެ މުހިންމުކަން މިފަހަރު ދިވެހިންނަށް ދައްކުވައިދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ. ވަކި ވަގުތުތަކެއްގައި ވެކިކަލް ދުއްވުން މަނާވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ވެހިކަލް ދުއްވުމަކީ، މަނާ ކަމެއް ނޫނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސް ބާރުކަމަށްވުމާވެސް އެކުގައެވެ.

މަނާ ގަޑީގައި ކާރުކޮޅުގައި އުޅުއްވުމުގެ ބަދަލުގައި، ރައީސް ސޯލިހުގެ ދެކަނބަލުން އިހުތިޔާރުކުރެއްވީ އާންމު ރައްޔިތު މީހުންނެކޭވެސް އެއްފަދައިން ފައިމަގުގައި އުޅުއްވާށެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ވަނީ މިރޭގެ ވަގުތެއްގައި ފައިމަގުގައި މަޖީދީ މަގުގައި ހިންގަވައިފައެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ފައިމަގުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ އަށެވެ.

ކޮވިޑް 19 އެންމެ ހަލުވިކަމާއެކު ފެތުރުނު ދުވަސްވަރު ގައުމާ މުހާތަބުކުރައްވައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އެމަނިކުފާނު އަޅުއްވާނީ ހަމަ ރައްޔިތުންވެސް އަޅުއްވާ ފިޔަވަޅުތަކެވެ.

ކޮވިޑް 19ގެ ވެކްސިން ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ އިރު، ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި ފުރަތަމަ މީހުންގެ ތެރޭގައިވެސް ރައީސް ސޯލިހު ހިމެނިވަޑައިގަންނަވައެވެ. އެކަމުންވެސް ރައީސް ދައްކުވައިދިނީ، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ މިންވަރެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރައީސް ސޯލިހުވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ. ސިއްހީ މާހިރުންގެ ބަސް އަހައި، ކޮވިޑު ކޮންޓްރޯލް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ރައީސްގެ އާދޭހެކެވެ.