ޚަބަރު

ވެކްސިންނާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އާ އުންމީދެއް ލިބިއްޖެ: މިނިސްޓަރު

އަލީ ޔާމިން

ކޮވިޑްގެ ވެކްސިނާއިއެކު ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ އުންމީދެއް ލިބިގެން ހިނގައްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިންގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ސޯޝަލް ސެންޓަރުގައި އިއްޔެ ފެށި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމުން އަރައިގަތުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ އެއްބަޔަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލައި ރާއްޖެއިން ވަނީ ދުނިޔެއަށް ނަމޫނާ ދައްކައިފައި ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތް ހިންގޭނީ މުވައްޒަފުންނަށާއި ފަތުރުވެރިންނަށް އަދި އާންމު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ފަތުރުވެރިންނާ އެންމެ ކައިރީގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ފަތުރުވެރިންގެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިނިން ދޭން ފެށި ޕްރޮގްރާމުގައި ބައިވެރިވުމަށް މުވައްޒަފުން މާލެ އައިނަމަވެސް، ދެން ތިބި މުވައްޒަފުންނަށް އެމީހުންނާ އެންމެ ކައިރިން ވެކްސިން ދޭ ސެންޓަރަކުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި 51،000 އެއްހައި މުވައްޒަފުން އުޅޭއިރު ފުރަތަމަ ބުރުގައި އޭގެ ތެރެއިން 10،000 މުވައްޒަފުންނަށް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

އިއްޔެ ފެށި ޕްރޮގްރާމުގައި މިދާއިރާގެ އެކި ތަންތަނުން 25 މީހަކު ވަނީ މާލެ ގެނެސް ވެކްސިން ދީފަ އެވެ. މީގެތެރޭގައި ރިސޯޓް މުވައްޒަފުންނާއި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއާޕޯޓް މުވައްޒަފުންގެ އިތުރުން ގެސްޓް ސާވިސް އެޖެންޓުންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަންނާނުން ހިމެނެ އެވެ.