ކުޅިވަރު

ޗެލްސީގެ ކޯޗުކަން ކުރުމަކީ އުނދަގޫ ކަމެއް ނޫން: މޮރީނިއޯ

ޗެލްސީގެ ކޯޗުކަން ކުރުމަކީ އުނދަގޫ ކަމެއްކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، އެއީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށް ކުރިން ދެފަހަރެއްގެ މަތިން އެ ކްލަބަށް ކޯޗުކަން ކޮށްދިން ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް މޮރީނިއޯގެ ޓޮޓެންހަމް ނުކުންނައިރު، މޮރީނިއޯއަށް މެޗު ހާއްސަވާނެއެވެ. ސަބަބަކީ މޮރީނިއޯގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދައި އެންމެ ޒަމާންވަންދެން ކޯޗުކަން ކޮށްދީފައިވަނީ ޓޮޓެންހަމްގެ އެންމެ ވާދަވެރި ޗެލްސީއަށް ކަމަށް ވާތީއެވެ.

މި ސީޒަން ޗެލްސީން ފްރޭންކް ލެމްޕާޑުގެ ކޯޗުކަމުގެ ދަށުގައި ފެށި ނަމަވެސް، މިހާރު ވަނީ ލެމްޕާޑު ފޮނުވާލައި، ޖަރުމަނުގެ ޓެކްޓީޝަން ތޯމަސް ޓުޗެލް ކްލަބަށް ގެނެސްފައެވެ. މިރޭގެ މެޗަކީ މޮރީނިއޯ ޓުޗެލްއާ ކުރިމަތިލާ ފުރަތަމަ މެޗެވެ. މޮރީނިއޯ ބުނެފައި ވަނީ ޗެލްސީގައި ކާމިޔާބީތައް ހޯދި ކޯޗުން ގިނަ ކަމަށެވެ. އެހެންކަމުން ޗެލްސީގެ ކޯޗުކަމަކީ އުނދަގޫ މަގާމެއް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ކޯޗު މޮރީނިއޯ ބުނެފައިވެއެވެ.

"އަހަންނަށް ހީވަނީ ޗެލްސީގެ ވަޒީފާ އެހާ އުނދަގުލެކޭ ނުބުނެވޭނެހެން. އަހަރެން ޗެލްސީގައި ތިން ލީގު ތަށި ހޯދިން. އެންސެލޯޓީވެސް ޗެމްޕިއަންކަން ހޯދި. ކޮންޓޭވެސް ޗެލްސީއާއެކު ލީގު ހޯދި. ދެން ކާކުކަމެއް ނޭނގެ ހޯދާނީ. އެކަމަކު އެއީ އުނދަގޫ ކަމެއް ނޫން. ޗެލްސީގައި އަބަދުވެސް ވަރުގަދަ ކުޅުންތެރިން ތިބޭނެ. ވަރުގަދަ ސްކޮޑެއް އޮންނާތީ ދުނިޔޭގެ އެންމެ ވަރުގަދަ ކޯޗުންނަށް ޗެލްސީގައި މަސައްކަތް ކުރަން ފަސޭހަވާނެ،" މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ އިތުރަށް ބުނީ ޗެލްސީގެ ކޯޗުކަމުގައި މިހާރު ހުރި ޓުޗެލްއަށް ޕްރިމިއާ ލީގުވާނީ މުޅިން އެހެން ލެވެލްއެއްގެ ޗެލެންޖަކަށް ކަމަށާއި، ކޯޗިން ކެރިއަރުގައި ދިމާވާނެ އެންމެ ބޮޑު ޗެލެންޖަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގު ކަމަށެވެ.

މޮރީނިއޯގެ އެ ވާހަކައަށް ޓުޗެލްވެސް ވަނީ އެއްބަސްވެފައެވެ. އޭނާ ބުނެފައި ވަނީ ޗެލްސީއާއެކު އޭނާއަށް ޗެލެންޖް ބޮޑު ކަމަށެވެ. ހާއްސަކޮށް ޕްރިމިއާ ލީގުގެ ފެންވަރަށް އިހުތިރާމް ކުރަން ޖެހޭ ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.

މޮރީނިއޯ ވަނީ ތިން ޓީމަކާއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިދިޔަ އަހަރު ޕީއެސްޖީއާއެކު ޓުޗެލް ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ ނަމަވެސް، އޭނާ ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފައެވެ.