ދުވާލަކު 5600 ކޮވިޑް ޓެސްޓް ހެދޭނެ ގާބިލުކަން މިހާރު ރާއްޖޭގައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތީން، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމުގެ ގޮތުން، އިއްވަވާ ރިޔާސީ ބަޔާން އިއްވެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް އެމަނިކުފާނުގެ ފަރާތުން އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅައި ބަލާއިރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ.

"މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ތަގުދީރުގެ ނިޔާގެ މަތީން ކަންކަން ބަދަލުވެ ފުރޮޅިގެން ދިޔައީ، އަޅުގަނޑުމެން ތަދުބީރު ކުރި ރޭވުމާ މުޅިން އެއްގޮތަކަށް ނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމުގެ ހުރިހާކަމެއްހެން ހުއްޓި، ދިރިއުޅުމުގެ އާއްމު ހާލަތު މިވަނީ، މުޅިން ބަދަލުވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮވިޑް 19 ގެ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުން ކުރީ މި ބަލިން، ރާއްޖޭގެ ރައްޔިތުން ރައްކާތެރި ކުރުމަށް ކަމަށެވެ.

އެކަމަށްޓަކައި އެޅި ފިޔަވަޅު ތަކަކީ، އޭގެ ނަތީޖާ އެނގި ތިބެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅުތަކެއް ކަމަށާއި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ވެރިރަށް ފުރަބަންދު ކުރުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ފިޔަވަޅުތަކާއެކު ކޮވިޑް ބައްޔަަށް ފަރުވާ ކުރެވޭ ވަރަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މި ބައްޔަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، 362 ސިއްހީ ހިދުމަތްތެރީން ތަމްރީންކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

"އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޮވިޑް ޓެސްޓް ހެދުމުގެ ގާބިލުކަން ރާއްޖޭގައި މިހާރު އެބަހުރި، އެހެންކަމުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރަބަންދުގެ ހިފެހެއްޓުން ތަކަށް ލުއިތަކެއްދީ، ރާއްޖޭގެ ބޯޑަރު ހުޅުވާލައި މިހާރު ވަނީ ފަތުރުވެެރިންނަށް އަލުން މަރުހަބާ ކިޔަން ފަށައިފަ،" އެމަނިކުފާނު ވިދާޅުވިއެވެ.