އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ބާތިލުކުރުމަށް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ވަނީ އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް އެޕާޓީގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ކުރިއަށް ގެންދިޔަ އެތެރޭގެ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެކަން ދޮގުކޮށް، އަދާލަތު ޕާޓީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެޕާޓީގެ އިންތިހާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށްބުނެ، ޝާއިއުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އެ ޕާޓީގެ ބަހެއް ނުހޯދައި ހަބަރު ޝާއިއުކޮށްފައިވާތީ ހިތާމަކުރާ ކަމަށާއި އެއީ ޕްރޮފެޝަނަލް ޖާނަލިޒަމެއް ނޫން ކަމަށްވެސް ބުންޏެވެ.
އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށް އިންތިހާބު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
އަދާލަތު ޕާޓީގެ ރައީސްއަކަށް ހޮވިފައިވަނީ އެ ޕާޓީގެ ރައީސް ކަމުގައި މިހާރުވެސް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. އެޕާޓީގެ ރައީސްކަމަށް އިމްރާނާއެކު ވާދަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާނަށް 921 ވޯޓު އަދި ޑރ. ޒާހިރަށް 167 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އިމްރާން ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 84.65 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
އެޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ ފަސް ދުވަސް ތެރޭ އިއުލާނުކުރަން ޖެހެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 6،866 މީހުންނަށް ލިބޭއިރު ވޯޓު ލާފައިވަނީ ވޯޓުލުމަށް ރަޖިސްޓްރީކުރި 4،556 މީހުންގެ ތެރެއިން 1،088 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު