ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ބަލަމުން އަންނަ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އިތުރު ރަށެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ބަލަމުން އަންނަ އިތުރު ރަށެއްގެ މުއާމަލާތާ ގުޅޭ މައްސަލައަކާ ގުޅޭގޮތުން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން އެހެން ބުނި ނަމަވެސް، ރައީސް ޔާމީންގެ ވަކީލުން އިއްޔެ ބުނެފައިވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ އިތުރު މައްސަލައެއްގައި ނޫން ކަމަށާއި އެއީ ކުރިން ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވެގެން، އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
މަނީލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް މިއަދު އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު