ސަރުކާރު މުވައްޒަފުންގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރާން އަންގައިފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އަނެއްކާވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.
އެގޮތުން މާދަމާ އިން ފެށިގެން ސަކުރުކާރު އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށް ވަނީ އެޗްޕީއޭއިން އަންގައިފައެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވަނީ އަންގައިފައެވެ.
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައްކުރުމަށް އޮފީސްތަކަށް މުވައްޒަފުން ނެރުމުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި ހާއްސަކޮށް އެހެނިހެން ފަރާތްތަކާއެކު ކެއުން ބުއިން ހުއްޓާލުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
އޮފީސްތަކުގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ހައިރިސްކް މީހުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމަށާއި ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރާވަން ވަނީ އަންގައިފައެވެ. އަދި ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރަން ވެސް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
މީގެ ކުރިންވެސް ވަނީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުގެ ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިގެންވެސްދިޔައެވެ.