ކޮވިޑް-19 އާ ގުޅިގެން ސިފައިންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސް ފައިސާއާ ބެހޭ ކަންކަން ނިންމުމަށް ސިފައިންގެ ލަފާ ދޭ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކޮވިޑް އެލަވަންސްގެ ގޮތުގައި ދެވަނަ ބުރު ސިފައިންނަށް ދޭން ނިންމާފައިވާ އެލަވަންސްގެ ފައިސާ، ވަކި ވަކިން ސިފައިންނަށް ނުދީ، އެ ފައިސާ ސިފައިންގެ ކުޅިވަރުތަކަށް ހަރަދު ކުރަން ނިންމައި އެކަމުގެ މަޝްވަރާ ފަށާފައިވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.
މާރިޔާ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނާސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ، ރައީސުލްޖުމްހޫރިއްޔާ މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. މިފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުސޫލުގެ ތެރެއިން، ސިފައިންގެ ލަފާ ދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މި ކޮމިޓީގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ކޮމަޑާންޓް ސާވިސް ކޯ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް، ކޮމާންޑާ ނޮދަން އޭރިއާ ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ޝަރީފް، ކޮމާންޑާ ސަދަން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދު، އެޖުޓަންޓް ޖެނެރަލް ކާނަލް މުހައްމަދު އިބްރާހީމް، ކޮމާންޑާ މާލެ އޭރިއާ ކާނަލް އަހުމަދު ޣިޔާސް، ކޮމާންޑާ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ހިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑް ކާނަލް މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
މިމައްސަލަ ލަފާދޭ މަޖިލީހަށް ގެންދިޔައިރު، އެމަޖިލީހުގައި ސިފައިންގެ ހިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަސްލަހަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި، އެލަވަންސް ފައިސާޔާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދެވުމަށް ދަންނަވާފައިވާނެ ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު