ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 51 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 51 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 14،190 އަށް އަރާފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 215 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 159 މީހަކާއި އަތޮޅުތެރެއިން އަށް މީހަކާއި މިވަގުތު އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 20 މީހަކާއި އޮޕަރޭޝަން ނުފަށާ ރިސޯޓުތަކުން 27 މީހަކާއި ސަފާރީތަކާއި ޔޮޓްތަކުން މީހެކެވެ.
މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.
މީގެ ކުރިން ވެސް ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 200 އިން މައްޗަށް އަރާފައިވެއެވެ. ނަމަވެސް އެއީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް ދުވަސްވަރެވެ. މިއަދުގެ އަދަދަކީ ދުވާލެއްގެ މައްޗަށް ފެނުނު ރެކޯޑު އަދަދާ އެއްވަރުގެ އަދަދެކެވެ. މީގެ ކުރިން 215 މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 16،056 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،807 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 184 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 52 މީހަކު ވަނީ މަރުވެފައެވެ. އެއީ 45 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު