ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ކޮވިޑާ ގުޅިގެން ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް މީގެ ކުރިންވެސް އެކިފަހަރުމަތިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑުން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށާއި އެގޮތުން މިދުވަސްވަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ގައިޑްލައިންތަކާ އެއްގޮތަށް ކުރަމުންދާކަން ދެނެގަތުމަށް އާންމު ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި އިންސްޕެކްޝަން ކުރިއަށްގެންދާނީ މާލޭ ސަރަހައްދަށް އަމާޒުކޮށްގެން ކަމަށާއި މި އިންސްޕެކްޝަން ކުރިއަށްގެންދާނީ ފުލުހުންނާއި އެޗްޕީއޭ އަދި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ކަމަށެވެ.

މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި ފިޓްނަސް ސެންޓަރުތަކާއި ސެލޫންތައް އަދި މާރުކޭޓުތައް ފަދަ އާއްމު ހިދުމަތްދޭ ހުރިހާ ތަނެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ޓެކްސީތަކާއި ލޮރީތަކާއި ޕިކަޕް އަދި ޕްރައިވެޓް ހަޔާ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި ފަހަރުގެ އިންސްޕެކްޝަންގައި ގައިޑްލައިނާ ހިލާފުވާ ފަރާތްތަކާ މެދު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.