އެވިޑް ކޮލެޖުން ދޭ ސްކޮލާޝިޕް މިއަހަރު 30 ދަރިވަރަކަށް ދީފިއެވެ.
އެ ކޮލެޖުގެ ޗެއާމަން މުޝްތާގު އަބްދުﷲގެ ބައްޕަގެ ނަމުގައި ތައާރަފުކޮށްފައިވާ "ނައިބު ރަޝާދު ސްކޮލާޝިޕް" ފުރުސަތުތަކުގެ ތެރެއިން މާލޭ ކެމްޕަސްގައި ކިޔެވުމަށް ދިހަ ދަރިވަރަކަށް ސްކޮލާޝިޕް އަދި ތިނަދޫ ކެމްޕަހުގައި ކިޔެވުމަށް 20 ސްކޮލާޝިޕް ވަނީ ދީފައެވެ.
އެ ސްކޮލާޝިޕްތަކަށް 80 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލިއެވެ.
މި ސްކޮލާޝިޕްތަކުގެ ލިޔުން ދަރިވަރުންނާ ހަވާލުކުރީ އެވިޑް ކޮލެޖުގެ ޑައިމަންޓް ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ތިނަދޫ ކެމްޕަސްއިންވެސް ޒޫމް މެދުވެރިކޮށް ބައިވެރިވިއެވެ. ދަރިވަރުންނާއި ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ، އެވިޑްގެ ޗެއާމަން މުޝްތާގު އަބްދުﷲ އެވެ.
ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗެއާމަން މުސްތާގު ވަނީ މައިންބަފައިންނަށް އިހުސާންތެރިކޮށް، ހިދުމަށްކޮށްދިނުމަށް ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި ދަރިވަރުންނަކީ އަހުލާގު ރަނގަޅު ބަސް އަހާ، ކިޔަމަންތެރި ބަޔަކަށްވުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
އެވިޑް ކޮލެޖުން މިފަހަރު ދިން ސްކޮލާޝިޕްގައި ފައުންޑޭޝަނުން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް ހިމެނެއެވެ.
"ނައިބު ރަޝާދު ސްކޮލާޝިޕް" އަކީ 2019 ވަނަ އަހަރުން ފެށިގެން އެވިޑް ކޮލެޖުން ދެމުން އަންނަ ސްކޮލާޝިޕެކެވެ. އެވިޑް ކޮލެޖުގައި މިހާރު ވެސް 2000 އަށްވުރެ ގިނަ ދަރިވަރުން ތަފާތު ކޯސްތަކުގައި އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު