ރިޕޯޓް

މި ފުލުސް މީހާއަށް ތައުރީފު، ނުކުޅެދުންތެރިކަން ހުންނަ މީހާ ސައިކަލުގައި ބައިންދައިގެން ކޮށްޕާފައި އަވަށެއްގެ ދުރުމިނަށް

ރިފާ ހަލީލު

މުޖުތަމައު ކިތަންމެ ކުޑަ ނަމަވެސް ގިނަ ފަހަރު ފެންނަމުންދާ މަންޒަރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅައިނުލައި އެފަދަ މީހުންނަށް އެކި ގޮތްގޮތުން ގޯނާ އާއި ފުރައްސާރަ ކުރަމުންދާ މަންޒަރެވެ. މަދު ބަޔަކު ނޫނީ އެފަދަ މީހަކަށް އެހީވާ ތަނެއް ނުފެނެ އެވެ. އެކަމަކު ރޭ މާލޭ މަގުމަތިން ފެނުނީ މަދުން ނޫނީ ފެންނާނެ މަންޒަރެއް ނޫނެވެ. އޯގާތެރިކަމުގެ ނަމޫނާ ދައްކުވައިދިނީ ގައުމީ ފަހުލަވާނެކެވެ. ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ ގައުމީ ހިދުމަތުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ހާލިދު އަކީ މާލޭގެ ދިރިއުޅޭ ފަރާތްތަކަށް އާ މޫނެއް ނޫނެވެ. ހިނގާ ބިނގާވެ ނޫޅެވޭ އިރު ވާހަކަ ދެއްކުމަށްވެސް އޭނާ ވަނީ ނުކުޅެދިފަ އެވެ. މީގެ ދެ ވަރަކަށް އަހަރު ކުރިން ލޮޓަސް ބައިކް ޝޮޕުން އޭނާ އަށް ހަދިޔާ ކުރި އިލެކްޓްރިކް ސައިކަލްގައި އޭނާ އުޅޭތަން ފަހަކަށް އައިސް ފެނެ އެވެ.

ހާލިދުގެ ވާހަކަ ސޯޝަލް މީޑިއާ އަށް ދޫކޮށްލި އަލީ ޝިފާޒް އޭނާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ މަޖީދީ މަގު ލެކިއުޓް ފިހާރަ ކައިރިން ހާލިދު އޭނާގެ ސައިކަލް ކޮށްޕާފަ ގެންދަން މަސައްކަތް ކުރާތަން ފެނުނު ކަމަށެވެ. އަދި އޭނާ ގާތު ވެގެން އުޅޭ ގޮތް އަހާލުމުން އަތުގެ އިޝާރާތުން ސައިކަލްގެ ޗާޖު ހުސްވެފައިވާ ކަމަށް ބުނި ކަމަށާއި އެހީއަށް އެދުނު ކަމަށެވެ. ކިތަންމެ އެހީވާން ބޭނުން ވިނަމަވެސް ބަލި ހާލަތު ހުރި ގޮތުން ހާލިދު ބުނި ހިސާބަށް އެ ސައިކަލް ކޮށްޕާފައި ދިޔުމުގެ ހިތްވަރެއް ނެތް ކަމަށް ޝިފާޒް ބުންޏެވެ. އެކަމަކުވެސް ހާލިދު އަށް އެހީވާނެ އެހެން ގޮތެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށްވެސް އޭނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.

"ހާލިދު ފެނުނީ އޭނާ ދުއްވާ ވެހިކަލް ކޮށްޕާފަ ކުރިޔަށް ދާން މަސައްކަތްކުރާ މަންޒަރު. ހާލިދުއާ އަރާހަމަކޮށް ހުއްޓުވާފަ ވީ ކީއްތޯ އެހިން. ހާލިދުއަކީ ނުކުޅެދޭ އަދި ވާހަކަވެސް ނުދެއްކޭ މީހެއްކަމުން އިޝާރާތުން ދެއްކީ އެ ބެޓެރީ ސައިކަލްގެ ޗާޖު ނެތްކަން. ހާލިދު ހުރީ ވަރުބަލިވެގެން ގޮސް ހަލާކުވެފަ. ގެ ހުންނަ ތަނެއް ސީދާ ބުނެދޭކަށް ހާލިދަކަށް ނޭނގުނު. އިޝާރާތުން ދައްކަނީ މާފަންނާ ވީ ކޮޅު. ހާލިދަށް އެހީވާން ބޭނުން ނަމަވެސް މާ ދުރަށް އެ ސައިކަލް ކޮށްޕުމަށް ބަލި ހާލަތު ތަން ނުދޭތީވެ ފުލުހުންގެ އެހީއަށް އެދުނިން." އެމީހާ ފޭސްބުކުގައި ލިޔެފައިވެ އެވެ.

އޭގެ އިރުކޮޅެއްފަހުން ފުލުހުންގެ ވެހިކަލެއްގައި، ފުލުހުންގެ އޮފިސަރު މުހައްމަދު ހުސައިނާއި އިތުރު ފުލުހަކު އެ ސަރަހައްދަށް ދިޔަ ކަމަށާއި ހާލިދުގެ ސައިކަލުގައި ޗާޖު ނެތް ވާހަކަ ބުނި ކަމަށް ޝިފާޒް ބުންޏެވެ. އޭގެ ފަހުން ހާލިދުގެ ސައިކަލް ކޮއްޕަމުން އެ ފުލުސް މީހާ މާފަންނާ ވީ ކޮޅަށް މިސްރާބު ޖެހި ކަމަށާއި އެ މީހުންގެ ފަހަތުން އޭނާވެސް ސައިކަލުގައި ދިޔަ ކަމަށެވެ. އަދި ހާލިދު ގާތު އޭނާގެ ގެ ހުންނަތަން ދައްކަން އެދުމުން އޭނާ ބުނި ހިސާބަށް އެ ފުލުސްމީހާ ސައިކަލް ކޮއްޕަމުން ދިޔަ ކަމަށާއި އެންމެ ފަހުން މިލިއަން ބުކްޝޮޕާ ހަމައިން އިޝާރާތުން ހާލިދު އޭނާގެ ގެ ދެއްކި ކަމަށްވެސް ބުންޏެވެ.

ޒޯންގައި ސައިކަލް ޕާކު ކޮށްދީ ހާލިދުގެ އެދުމުގެ މަތިން ސައިކަލް ޗާޖަށްވެސް ޖަހައިދިނީ އެ ފުލުސް އޮފިސަރު ކަމަށެވެ. ވަރުބަލިވިޔަސް އެ ވަރުބަލިކަން މޫނުމަތިން ފެންނާކަށް ނެތެވެ. އެކަން ހާލިދު އަށް އޭނާ ކޮށްދިނީ އުފަލުން ހުރެކަން ސޯޝަލް މީޑިއާއިން ފެންނަން ހުރި ފޮޓޯތަކުންވެސް ހާމަވެގެންދެ އެވެ.

"މި ދެއްކީ ކައިރި ހިސާބެއްގެ ވާހަކައެއް ނޫން. ޗާންދަނީ މަގުން ފެށިގެން ވެހިކަލް ކޮށްޕާފަ އެހާދުރަށް ގެންދިޔައިރު މުހައްމަދުގެ މޫނުނަތިން ފެނުނީ އުފާވެރިކަން. ރައްޔިތަކަށް އެހީއެއް ވެވޭތީ ފަހުރުވެރިކަން. އިހުސާންތެރި އަދި އޯގާތެރިކަން. އަޅުގަނޑެއް މުހައްމަދު ނުއެއް ދަންނަމު. ނަމަވެސް ހިތުގެ އިހުލާސްތެރި ޝުކުރު އަރިސްކުރަން. އިތުރު ކާމިޔާބާއި ފަލާހު މިންވަރު ކޮށްދެއްވުން އެދި ދުއާކުރަން." ޝިފާޒްގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.

މިއީ އެންމެ މީހެއްގެ ވާހަކަ އެވެ. މިއަދު އެ ފުލުސް އޮފިސަރަށް އެތައް ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. ހަގީގަތުގައިވެސް ފުލުހުންނަކީ ހަމައެކަނި ވާޖިބެއް އަދާކޮށްލުމުގެ ގޮތުން ވަޒީފާ އަދާ ކުރާ ބައެއް ނޫންކަން ހާމަވެއްޖެ އެވެ. ރައްޔިތުންގެ ހައްގުގައިވެސް ވެވުނު ކޮންމެ ގުރުބާނީއެއް ވާން ފުލުހުން އަތުކުރި އޮޅާލައިގެން ތިބި ކަން މިހާދިސާއިން އެކަނިވެސް ހާމަވެގެން ގޮސްފި އެވެ.