ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ.

ރޭގެ މެޗު ބާސާއިން 2-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ފުރަތަމަ ގޯލަކީ ކެޕްޓަން ލިއޮނަލް މެސީ ޖެހި ހިތްގައިމު ހިލޭ ޖެހުމެކެވެ. ކެރިއަރުގައި މެސީ ޖެހި 650 ގޯލާއެކު ބާސާއިން ލަލީގާ ތާވަލުވެ ދެވަނައަށް ޖެހިލާފައިވާއިރު، އެޓީމަށް ވަނީ 20 މެޗުން 40 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 19 މެޗުން 50 ޕޮއިންޓާ އެކުގައެވެ.

މެސީ ބާސާއަށް ލީޑު ނަގައިދިނީ 20 ވަނަ މިނެޓުގައެވެ. އޭނާ ކެރިއަރުގައި ބާސާއަށް ޖަހައިދިން 49 ވަނަ ހިލޭ ޖެހުމާއެކު މެޗުގެ ލީޑު ނެގިއިރު، ހިލޭ ޖެހުން ފެނުނީ އާދަޔާ ހިލާފު މޮޅުކޮށެވެ. ފަސް މީހުންގެ ފާރެއް ބިލްބާއޯއިން އަޅާފައިވާއިރު، ފާރުގެ ތިރީގައި އެއް ކުޅުންތެރިޔަކު އޮށޯވެ، ގޯލް ތެރޭގައި ވެސް ކީޕަރުގެ އިތުރުން އެއް ޑިފެންޑަރު މެސީ ގެ ހިލޭ ޖެހުން ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މެސީ ފޮނުވާލި ބޯޅަ ވައްދާލީ ސީދާ މަތީ ކަނަށެވެ.

ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ބިލްބާއޯއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ބާސާގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ވަނީ ދެވަނަ ހާފްގައި ބާސާއަށް އަލުން ލީޑު ނަގައިދީފައެވެ.

ބާސާއިން ދަށްކޮށް ސީޒަން ފެށި ނަމަވެސް މިހާރު ވަނީ ފޯމް ރަނގަޅު ކޮށްފައެވެ. އެންމެފަހުން ލަލީގާގައި އެޓީމުން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރު ވެގެން ނިންމާލާފައިވާއިރު، ކޮޕަ ޑެލްރޭއިންވެސް އަދި ކަޓާފައެއް ނުވެއެވެ.