ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 52 އަށް އަރައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ ދިވެއްސެކެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 52 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 88 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:33 ގައި މަރުވެފައިވާ ކަމަށެވެ.

ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު މަރުވެފައިވާ އިރު، މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ.

މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 45 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.