ދުއާއަކީ މާދަމާ ރާއްޖޭގައި ޖަހަން ފަށާ ކޮވިޑް ވެކްސިނާއެކު ރާއްޖެ ކުރީގެ އުފާވެރި ދިރިއުޅުމަށް އަނބުރާ ދެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާއަކީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާ ދުވަސް ކަމަށާއި މާތްﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރުކުރުމާއެކު ދުއާއަކީ އުފާވެރި ދިރިއުޅުމަކަށް އެނބުރި ދެވުން ކަމަށެވެ.

"މާދަމާއަކީ ރާއްޖޭގައި ކޮވިޑް 19 އަށް ވެކްސިން ދޭން ފަށާ ދުވަސް. މާތް اللهُ ގެ ހަޟްރަތަށް ހަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުއާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުން މާދަމާ ފަށަން ހަމަޖެހިފައިވާ އިރު، މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ވެކްސިން ދޭން ފަށާނެއެވެ. އެގޮތުން މާލޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އައްޑޫ އިން ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. ކުޅުދުއްފުށީގައި ވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

ވެކްސިން ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަންދީގެން ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.

އެ ވެކްސިން މާދަމާ ޖަހަން ފަށާފައިވާ އިރު، "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާއެކު ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ.