އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް، ހެކިން ދީފައިވާ ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަން ޝަރީއަތުގެ މަޖިލީހުގައި ސާބިތު ކޮށްދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި، އެ ދެ ދައުވާއަށް އިންކާރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ދެ ދައުވާއަށް އިންކާރު ކުރައްވާއިރު، އެކަމަށް އެކަށީގެންވާ ދިފާއެއް ބޭނުންކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށްޓަކައި ދައުވާއާބެހޭ ލިޔުންތައް ލިބެންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ބައެއް ލިޔެކިޔުންތައް، ހާއްސަކޮށް ބައެއް ހެކިންނާބެހޭ ލިޔެކިއުންތައް ނުދީ ދައުލަތުން އެތަކެތި ހިފަހައްޓާ ކަމަށް ތުހުމަތުކުރައްވައެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓަށް ވެސް ހުށަހަޅައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ލިޔެކިއުންތައް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި އެ މައްސަލައިގެ މައިގަނޑު ހެކިންގެ ގޮތުގައި ތިބި ދެތިން ހެކިންގެ ބަޔާނުގައި ތައާރަޒުވާ ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އަދި އެމީހުން ދީފައިވަނީ ދޮގު ބަޔާންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެނގެން ބޭނުންވޭ އެމީހުން އެކަހަލަ ދޮގު ބަޔާނެއް ދީގެން އުޅެނީ، އެމީހުން ކޮންކަހަލަ މޯޓިވްއެއްގައި، ކޮންކަހަލަ ހިތެއް އޮވެގެންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ރައީސް ޔާމީން އިންކާރު ކުރެއްވުމުން، އަންނަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް ބޭއްވުމަށް އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ މުހައްމަދު ޝަކީލް ނިންމެވިއެވެ.
އިސް ގާޒީ ވިދާޅުވީ، އެ އަޑުއެހުމުގައި އޮންނާނީ ހެކި ހާމަކުރުމާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމާއި ހެތްކާމެދު ވާހަކަދައްކައި ހެތްކާމެދު އިންކާރުކުރާނަމަ އެކަންތައްތައް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު