ކޮވިޑް-19ގެ ވެކްސިނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އީސީން އެގޮތަށް އިލްތިމާސް ކޮށްފައި މިވަނީ، އިންޑިއާ އިން ހަދިޔާކުރި ވެކްސިން ނުޖަހަން ބާރު އަޅައި އިދިކޮޅު ޕްރޮގުރެސް ކޮންގުރެސް ކޯލިޝަނުން ބަޔާން ނެރި، އެކަމާ ދެކޮޅަށް އެ ކޯލިޝަންގެ ލީޑާޝިޕުގެ ބޭފުޅުން ވާހަކަދައްކަވައި، މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އޭޕްރިލް މަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕެއިން ކުރުމަށާއި އިންތިހާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާހައުލެއް ގާއިމުވެފައި އޮތުމަކީ އިންތިހާބުގެ ވޯޓާސް ޓާންއައުޓް މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިހާބަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގައި ވެސް ވެކްސިން ދިނުމަށް ތައްޔާރު ވަމުންދާއިރު ކޮވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިނާމެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އީސީން ބުންޏެވެ.

އެހެންކަމުން ކޮވިޑް-19 އަދި ކޮވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އަދި އެ ވެކްސިން ސިޔާސީ ނުކުރުމަށް ސިޔާސީ ޕާޓީތަކަށާއި ސިޔާސީ ޕާޓީގެ މެންބަރުންނަށް އީސީގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.