އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާތީ، ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް ހާމަވުމުގެ ފުރުސަތު ނުދިނުމަށް ކުރާ ސިޔާސީ ދައުވާއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަދުރޭގެ މައްޗަށް އުފުލި ދައުވާ ފެށުމަށް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިބްތިދާއި އަޑުއެހުން ނިމުމުން، ކޯޓުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، މި ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް އެނގިދާނެތީ، ސިޔާސީ ވާދަަވެރިންގެ މައްޗަށް ދައުވާ އުފުލައިގެން ފޯކަސް ގެއްލުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ވެސް އެގޮތުންގެ މަތިން އުފުލާފައިވާ ދައުވާއެއް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ކުރާ ދައުވާއެއް ކަމަށާއި އެ މައްސަލަ ކުރިއަށްދާ ވަރަކުން އެކަމުގެ ހަގީގަތް އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، މި މައްސަލައަކީ ހުސްވި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު އުފުލާފައިވާ ދައުވާއަކަށް ވެފައި، ފަސް ދުވަހުގެ ތެރޭގައި ދައުވާގެ ލިޔެކިޔުންތައް އެ ދައުވާ ރައްދުވާ ފަރާތަކަށް ހަވާލު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ދައުވާގެ ލިޔެކިޔުންތައް ލިބުނީ ޝަރީއަތަށް ދިޔަ ފަހުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކުރަމުން އަންނަ މަސައްކަތް ހުއްޓައި ނުލާނެ ކަމަށާއި އަޒުމަށް ވެސް ބަދަލު ނާންނާނެ ކަމަށް ވިދާޅުވި އެވެ.