ޓެކްސީ ކުރާ އުޅަނދުތަކުގެ ބިއްލޫރި، އެތެރެ ފެންނަ ބިއްލޫރިއަށް ބަދަލުކުރަން ޓްރާންސްޕޯޓު އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓެކްސީ ގަވައިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީ ކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަ ގޮތަށް ކަމަށާއި އެހެންކަމުން ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖަހައިގެން ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.
އެ އިއުލާނުގައި ބުނީ، ގަވައިދުގައި ބުނާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.
ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ، ޓެކްސީ ކުރާ އުޅަނދުގެ ހަތަރު ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް މާދަމާއިން ފެށިގެން ހަ މަސް ތެރޭގައި ބަދަލުކުރުމަށް އަންގާ ކަމަށެވެ.
ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖެހުން މަނާކޮށްފައިވަނީ ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު