އަދާލަތު ޕާޓީގެ ރައީސްއަކަށް އެ ޕާޓީގެ ރައީސް ކަމުގައި މިހާރުވެސް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންތިހާބުވެވަޑައިގެންފިއެވެ.
އެޕާޓީގެ ތިންވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށް މިއަދު އިންތިހާބު ބާއްވާފައިވާއިރު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާނަށް 921 ވޯޓު އަދި ޑރ. ޒާހިރަށް 167 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އިމްރާން ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 84.65 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
މިނިސްޓަރު އިމްރާންގެ ރަނިންމޭޓަކީ އަހުމަދު ޝަރީފެވެ. ޑރ. ޒާހިރުގެ ރަނިންމޭޓަކީ އަހުމަދު ނަޝީދެވެ.
އެޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ ފަސް ދުވަސް ތެރޭ އިއުލާނު ކުރަން ޖެހެއެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 6،866 މީހުންނަށް ލިބޭއިރު ވޯޓު ލާފައިވަނީ ވޯޓުލުމަށް ރަޖިސްޓްރީކުރި 4،556 މީހުންގެ ތެރެއިން 1،088 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު