އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝަވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރާ ދައުވާއަށް އެމަނިކުފާނު ޖަވާބު ދާރީވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މި އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ.

މީގެ ކުރިން އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެގެން ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުގެ ފަރާތުން ތަކުރާރުކޮށް، ދައުވާ އޮޅުން ފިލުއްވައި ދިން ނަމަވެސް ރައީސް ޔާމީނާއި އެމަނިފާނުވެ ވަކީލުން ވަނީ ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން ދައުވާ ސާފުވެއްޖެ ކަމަށް ކޯޓުގެ ގާޒީ ނިންމެވުމަށްފަހު، އެ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ ރައްދުވާ ފަރާތް ކަމަށްވާ ރައީސް ޔާމީންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުން ކަމަށް ވިދާޅުވެއެވެ.

އެދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި ވަނީ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ހިންގި ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރައީސް ޔާމީންގެ އެކައުންޓުގައި ހުރި 1.1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށްވެސް އެ ދައުވާގައި ދައުލަތުން އެދިފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި މަނީލޯންޑަރިންގެ ކުށުގެ ދައުވާގައި ވަނީ ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ސަން ކޮންސްޓްރަކްޝަނުން އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެފަހުން އެ ފައިސާ ޔާމީންގެ ނަމުގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާއިން މަންފާ ހޯދުމަށްޓަކައި 36 މަސް ދުވަހަށް އިންވެސްޓްކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން 1.1 މިލިއަން ޑޮލަރާއި 2.2 މިލިއަން ޑޮލަރު ދައުލަތަށް ނަގައިދިނުމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.