ސްޕެއިންގެ އެންމެ ވަރުގަދަ އެއް ކްލަބު، ރެއާލް މެޑްރިޑަކީ މަޝްހޫރު ތަރިންގެ ހުވަފެނީ ކްލަބެކެވެ. އެތަކެއް ލެޖެންޑުންނެއް ކުޅެފައިވާ ދުނިޔޭގެ އެންމެ ޝާހީ ކްލަބުވެސް މެއެވެ. އެ ކްލަބަށް ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކުވެސް ދެކޭ ހުވަފެނެކެވެ. އެކަމަކު އެ ނަސީބު ލިބިގެންދަނީވެސް މަދު ކުޅުންތެރިޔަކަށެވެ. ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއަކީ ރެއާލްއިން ބޭނުންވި، 2017 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ހުވަފެނެވެ.

"ޕީއެސްޖީއަށް އެމްބާޕޭ ދިއުމުގެ ކުރިން ރެއާލްއަށް ގެންދަން އެ ކްލަބުން ވަރަށް ބޮޑަށް މަސައްކަތް ކުރި. އެހެންވީމަ އަދިވެސް ރެއާލްގެ ހުވަފެނަކީ އެމްބާޕޭ. ރެއާލްއަށް އޮތް މައްސަލައަކީ ޕީއެސްޖީން އޭނާއަށް ދޭ މުސާރަ. ނޭމާއާ އެއްވަރަކަށް، ގާތްގަނޑަކަށް 37 މިލިއަން ޔޫރޯ އެމްބާޕޭއަށް ޕީއެސްޖީން ދޭ. އެއީ 21 މިލިއަން ޔޫރޯގެ އިތުރުން ޓީވީ ރައިޓްސްގެ ޕަސެންޓަކާއެކު. ރެއާލްއަށް ސީދާ އެވަރެއް ނުދެވޭނެ. ރެއާލްއިން އެއްބަސްވީ މިހާރުގެ މުސާރައިގެ އިތުރުން ބޯނަސް ދިނުމަށް،" ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް ގުއިލަމް ބްލާގޫ ބުނެފައިވެއެވެ.

ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ގާތްގަނޑަކަށް 18 މަހަށް ވެފައިވާ އިރު، އެމްބާޕޭ އެންމެފަހުން ބުނެފައިވަނީ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރަން ވިސްނާ ކަމަށާއި، އާކުރާނަމަ އާކުރާނީ ދިގު މުއްދަތަކަށް ކްލަބުގައި މަޑުކުރުމަށް ކަމަށެވެ. އެހެން ބުނިބުނުމާ ގުޅިގެން ނޫސްވެރިން ގަބޫލުކުރަނީ ޕީއެސްޖީ ދޫކޮށް އެމްބާޕޭ ރެއާލްއަށް ދާނީ ދެ ސީޒަނެއް ފަހުން ކަމަށެވެ. އަދި އެއީ ޗެމްޕިއަންސް ލީގު ޕީއެސްޖީއާއެކު ހޯދޭތޯ މަސައްކަތް ކުރުމަށް ފަހުގައި ކަމަށްވެސް ފްރާންސްގެ ނޫސްވެރިން ބުނެފައިވެއެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެމްބާޕޭ އެއްބަސްވުން އާކުރާނީ ޕީއެސްޖީގައި ދިގު މުއްދަތަކަށް މަޑުކުރަން ކަމަށް ބުނުމަކުން. އޭނާ އެއްބަސްވުން އާކޮށްފައިވެސް ދެ އަހަރު ތެރޭގައި ރެއާލްއަށް ދާނެ ކަމަށް ބެލެވޭ. އެއީ އޭރުން ރެއާލްއަށްވެސް ހިން ދެމިލާފައި މުސާރަވެސް ދެވޭނެ. ފައިސާގެ ދަތިކަމެއް ނޯންނާނެ މިހާރު ކޮވިޑާ ގުޅިގެން އޮތްހެން. އޭރުން ޕީއެސްޖީގެ ކެރިއަރުވެސް ރީތިކޮށް ނިންމާލެވި، އުމުރުން ހުންނާނީ 24 އަހަރުގައި. އެހެންވީމަ ރެއާލްއަށް ކުޅެން ވަގުތުވެސް އޮންނާނެ،" ފްރާންސްގެ ނޫސްވެރިޔާ ޖޫލިއަން ލޮރެންސް ބުނެފައިވެއެވެ.

ޕީއެސްޖީއާ އަލަށް ހަވާލުވި ކޯޗު، މައުރީސިއޯ ޕޮޗެޓީނޯއަށް އޮތް އެންމެ ބޮޑު މަސައްކަތަކަށްވެސް ވާނީ ކްލަބާއެކު ޗެމްޕިއަންސް ލީގުގެ ތަށި ނެގުމެވެ. މިދިޔަ އަހަރުގެ ފައިނަލަށް ކްލަބު ގޮސްފައިވާ އިރު، އެމްބާޕޭއަށްވެސް އޭނާގެ ލޯބިވާ ކްލަބު، ހޯމް ކްލަބު، ޕީއެސްޖީއާއެކު ނުވެ އޮތް ކަމަކީވެސް އެއީއެވެ.