"އިންސާފު ކޮބާ؟"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު މާލެގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ކައުންސިލް މެމްބަރުންނާއި ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނޭ ގޮތަށް 11 މީހަކު ހައްޔަރުކުރި އެވެ. ފުލުހުން މިރޭ ބުނީ، އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

އިދިކޮޅުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލާއި ބައެއް އާންމުން ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ޕީޕީއެމް އޮފީސް ކުރިމަތިން މިއަދު ހަވީރު ފެށި މުޒާހަރާ ފުލުހުން މިއަދު ވަނީ ބާރުގެ ބޭނުން ކޮށްގެން ރޫޅާލައިފަ އެވެ.