މ. ކޮޅުފުށިން އިތުރު 12 މީހަކު އިއްޔެ ޕޮޒިޓިވްވެ، އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮޅުފުށިން އިއްޔެ އިތުރު 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މިހާތަނަށް އެރަށުން މުޅި ޖުމްލަ 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރު ނުވަ މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ.
ކޮޅުފުށި ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް "ވަން" އަށް ވިދާޅުވީ ޕޮޒިޓިވްވި މީހުން ކޮންޓެކްޓުވި މީހުންނާއި ރެންޑަމްކޮށް ނެގި 194 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްކާތެރި ފިޔަވަޅުތައް އެރަށުގައި މިހާރު ވަރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކުމެ އުޅުން މަނާކުރެވި، މާސްކު އަޅައިގެން ނޫނީ ބޭރުގައި ނޫޅުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ކޮޅުފުށިން 22 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެރަށުގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު