ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީން ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިއުލާކޮށްފަ އެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނާއި ގަވާއިދާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދާއި އިންތިހާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ އިންތިހާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެކަމަށް އީސީން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އިން ކަމަށް އީސީން ބުންޏެވެ.

އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭނީ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށެވެ. އަދި ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ އެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު، އެކަމަށް ވާންޖެހޭ ތައްޔާރީތައް މިއަދު ވަނީ އެ ކޮމިޝަނުން ފަށައިފަ އެވެ. އެގޮތުން ކޮންމެ ރަށެއްގައި ފޯކަލް ޕޮއިންޓެއް މިހާރު ވަނީ އައްޔަން ކޮށްފައެވެ.