ކޮވިޑް-19ގެ އުސޫލުތަކާއި ގައިޑްލައިންތަކުގެ ބޭރުން، ލޯބިވެރިޔާއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ބައެއް ހިސާބުތަކަށް ދަތުރުކުރި މައްސަލަތަކެއް ބަލަން ފަށައިފި އެވެ.
ރޮނާލްޑޯގެ ލޯބިވެރިޔާ، އާޖެންޓީނާގެ ޖޯޖީނާ ރޮޑްރިގޭޒްގެ އުފަން ދުވަސް ފާހަގަކުރުމަށް އިޓަލީގެ ފަރުބަދަ މަތީ ހިސާބަކަށް ގޮސްފައިވަނީ ސްކީން އަށެވެ. ދާދި ފަހުން ޖޯޖީނިއޯ މީސް މީޑިއާއާ ހިއްސާ ކުރި ފުޓޭޖެއްގައި ރޮނާލްޑޯ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ވާލޭ ޑިއެއޮސްޓާގެ ރިސޯޓެއްގައި ސްނޯ މޯބީލް ދުއްވަން އުޅެފައިވެ އެވެ.
އެ ސަރަހައްދުގެ ފުލުހުން ރޮނާލްޑޯގެ މައްސަލައެއް ބަލަމުންދާއިރު، އިޓަލީގައި ކޮވިޑާ ގުޅޭ ގަވާއިދުތަކުން ބުނެފައިވަނީ، ކޮވިޑުގެ ހާލަތު އޮރެންޖު ޒޯންގެ ގޮތުގައި އޮންނަ ތަންތަނަށް ދެވޭނީ މަދު ހާލަތްތަކެއްގައި ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ހަމައެކަނި ދެވެނީ ހާއްސަ ހުއްދައެއްގެ ދަށުން މަސައްކަތުގެ ބޭނުމަކަށް ނޫނީ އެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު ކޮންމެހެން ގެއަށް ބަދަލުވާން ޖެހިގެން ނަގަންޖެހޭ ހުއްދަ ނަގައިގެން ކަމަށް ބުނެފައިވެ އެވެ.
ނޫސްތަކުން ބުނެފައިވަނީ ރޮނާލްޑޯ އާއި ލޯބިވެރިޔާ އެ އުސޫލުތަކުގެ ބޭރުން ދަތުރު ކޮށްފައިވާ ކަމަށެވެ. އެއީ ރޮނާލްޑޯ ލޯބިވެރިޔާއާއެކު ދަތުރު ކޮށްފައިވަނީ ޕީޑްމޮންޓް ސަރަހައްދުން ވާލޭ ޑިއެއޮސްޓާ ސަރަހައްދުގައި ހުންނަ ރިސޯޓަކަށް ކަމަށްވާތީ އެވެ. އެ ރިސޯޓުގައި އެއް ރޭ މަޑުކުރުމަށްފަހު ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސް ނިސްބަތްވާ ޓުރިންއަށް ގޮސްފަ އެވެ.
ރޮނާލްޑޯ ކޮވިޑުގެ ގަވާއިދުތަކުގެ ބޭރުން އިޓަލީއަށް އެތެރެވި މައްސަލައެއް މީގެ ކުރިން ވެސް ބަލާފައިވާއިރު، މިފަހަރު މައްސަލައިގައި ރޮނާލްޑޯ އެކަން ކުރިކަން ޔަގީން ވެއްޖެނަމަ، އޭނާއަށް ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ. ދެވަނަ ރާޅަކާއެކު އިޓަލީގެ ކަންކަން ގޯސްވާން ފަށާފައިވާއިރު، އެގައުމުގައި ސިޔާސީ ކަންކަން ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.