އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުހޯދި އޮތް ލިވަޕޫލުން ފޯމް ރަނގަޅުކޮށް، ޓޮޓެންހަމް ބަލިކޮށްފި އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބު ކޮށްފައިވާއިރު، މެޗުން މޮޅުވެ ލިވަޕޫލް ވަނީ ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފަ އެވެ. 20 މެޗުން 37 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު، މެޗުން ބަލިވި ޓޮޓެންހަމް އަށް 19 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އެޓީމު އޮތީ ހަވަނައިގަ އެވެ.
މެޗުގައި އޯޕަން ޕާސިން ފުޓުބޯޅައެއް ދެޓީމުގެ ފަރާތުން ވެސް ފެނިފައިވާއިރު، ދެކޮޅަށް ވެސް ވަރުގަދައަށް އެޓޭކު ކޮށްފައިވެ އެވެ. ހާއްސަކޮށް ލިވަޕޫލުގެ ފަރާތުން މެޗުގެ ފުރަތަމަ ދެ މިނެޓުގައި ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ގޮސްފައިވެ އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްއަށް ދިމާވި އެންމެ ބޮޑު މާޔޫސް ކަމަކީ ޓީމުގެ ކެޕްޓަން ހެރީ ކޭންއަށް އަނިޔާވެ، އޭނާ ބާލަން ޖެހުމެވެ. ކޭންގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތައް ގެއްލޭނެ އެވެ.
މެޗުގެ ފުރަތަމަ ގޯލު ފެނުނީ ހާފު ނިމެން މިނެޓަކަށް ވެފައި އޮށްވައެވެ. ސަޑިއޯ މާނޭ ތިރިތިރިން ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި އޮވެ މަޑުމަޑުން ފައިގައި ޖައްސާ ގޯލަށް ވައްދާލީ ރޮބާޓޯ ފިރްމީނޯ އެވެ. އެ ގޯލަކީ ލިވަޕޫލުން ލީގުގައި ގޯލެއް ނުޖެހި 482 މިނެޓް ހޭދަކުރުމަށްފަހު ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ދެ މިނެޓް ނުވަނީސް ލިވަޕޫލުން ލީޑު ފުޅާކުރި އެވެ. އެ ގޯލަކީ ހޫގޯ ލޮރިސްގެ މިސްޓޭކެކެވެ. މާނޭގެ ހަމަލާ ޕަންޗުކޮށް ބޭރުކޮށްލި އިރު، އެ ބޯޅަ ދިޔައީ ސީދާ އެލެކްސެންޑްރާ އާނޯލްގެ ފަޔަށެވެ. އޭނާ ބޯޅަ ގޯލަށް ވައްދާލި ފަސޭހަ ކަމާއެކުގަ އެވެ. އެ ގޯލަށް ފަހު ވަރަށް ބޮޑަށް އެޓޭކުތައް ދެކޮޅަށް ވެސް އިތުރުވެ، މެޗު ފޯރިގަދަވި އެވެ. މާ ގިނައިރެއް ނުވެ، ޕީއޭ އެމީލް ހޮއިބިއާ ދުރުން ޖެހި ގޯލާއެކު ޓޮޓެންހަމް އިން ފަރަގު ކުޑަވެސް ކުރިއެވެ.
އެ ގޯލާއެކު ޓޮޓެންހަމް އިން ކުރިއަށް ޖެހުނު ނަމަވެސް މެޗުގެ ކޮންޓްރޯލް ލިވަޕޫލް އަތުން ގެއްލިފައެއް ނުވެއެވެ. އެޓީމުން މޮޅު ޔަގީންކުރީ މާނޭގެ ގޯލަކާ އެކުގަ އެވެ. މަތިން އައި ބޯޅައަކަށް ކުރިއަށް ޖެހި މާނޭ ޖެހި ބޯޅައަށް ގޯލްކީޕަރަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު