ރާއްޖެއަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އެޕްރޫވްކޮށްފައިވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިހާރު ވަނީ ދީފައެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމުގައި ރާއްޖެއިން ބަލަނީ އެ ވެކްސިނަކީ ޑަބްލިޔުއެޗްއޯގެ ޕްރީކޮލިފައިޑް ވެކްސިނެއްތޯއާއި ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނޭ ވެކްސިނެއްގެ އިތުރުން ޑަބްލިޔުއެޗްއޯއިން ސްޓިރިންޖެންޓް އޮތޯރިޓީއެއް ކަމަށް ކަނޑައަޅައި ހުއްދަ ދީފައިވާ ތަނަކުން ހުއްދަ ދީފައިވާ ވެކްސިނެއްތޯ ކަމަށެވެ.
"ކޮވިޝީލްޑް ވެކްސިން އުފެއްދި ޓެކްނޮލޮޖީއަކީ ޔޫކޭގެ މެޑިސިން އެންޑް ހެލްތު ކެއާ އެޖެންސީ (އެމްއެޗްއާރްއޭ) އިން ހުއްދަ ދީފައިވާ އެއްޗެއް. އެމްއެޗްއާރްއޭއަކީ ސްޓްރިންޖެންޓް އޮތޯރިޓީއެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ގަބޫލު ކުރާ ތަނެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިދިޔަ އަންގާރަ ދުވަހު އެ އޮތޯރިޓީން ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާ އެކު ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އެ ވެކްސިނާ ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނަކީ އެއް "ކޮމްޕޮޒިޝަން" އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކައްޗެއްކަން ޔަގީންކުރެވޭ ކަމަށެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދޫކޮށްފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށް ކަމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައި ނުވާ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
މި ވެކްސިނަކީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިން ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އަދި ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން ހެލްތު އެމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް އާ ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ރާއްޖޭގައި ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯސް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ. "ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފަށާނެއެވެ.
ރާއްޖެ ގެނެސްފައިވާ ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެނައި ޝިޕްމަންޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު