ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 62 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 62 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 14،028 އަށް އަރާފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 106 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 93 މީހަކާއި އަތޮޅުތެރެއިން ހަތަރު މީހަކާއި ރިސޯޓުތަކުން އަށް މީހަކާއި ސަފާރީ ނުވަތަ ޔޮޓްތަކުން މީހެކެވެ.
މި ހަފުތާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު 108 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ ހޯމަ ދުވަހު 109 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު 145 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ޕޮޒިޓިވްވެފައިވަނީ 143 މީހެކެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ މަހު ދަށުގައި އުޅުނު ނަމަވެސް، މިމަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 15،496 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،410 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 116 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައެވެ. އެއީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު