ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށްފައިވާ ގަޑީގައި ބޭރުގައި އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާސްކު ނާޅައި ބޭރުގައި އުޅޭ މީހުންނާއި ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހުން އިތުރު އިންޒާރަކާ ނުލައި ޖޫރިމަނާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކާފިއު ގަޑީގައި ބޭރުގައި މީހުން އުޅުން ހުއްޓުވަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން މީގެ ކުރިން މާލޭގައި ހިންގި ކާފިއު އުވާލުމަށް ފަހު އަލުން ކާފިއު ހިންގަން ފަށާފައި މިވަނީ މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަކުން އިތުރުވުމުންނެވެ. އެޗްޕީއޭއިން ބުނީ މާލޭ ސަރަހައްދުގެ ކޮވިޑްގެ ނަންބަރުތައް މައްޗަށް ގޮސްފައިވަނީ ގައިޑްލައިންތަކަށް އަމަލު ކުރުމުގައި ފަރުވާކުޑަކުރެވޭތީ ކަމަށެވެ.

ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމުގެ އިތުރުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުންވެސް މަނާކޮށްފައެވެ.