ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރުމަށް، އޭނާގެ އިތުބާރު ނެތް ކަމަށް ފާސްްކުރުމަށް ބޭނުންވާ ވޯޓު ހޯދުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ހިލާފަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައި ހުކުމް ކުރަންދެން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ބެހެއްޓުމަށް 2017 ވަނަ އަހަރު ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ފާރިސްގެ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން 30 ޖުލައި 2017 ގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހުރުމާއެކު، ފާރިސް ބަނދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށް އެ ގަޒިއްޔާ ބެއްލެވި ހައިކޯޓުގެ ތިން ފަނޑީޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު ހަސަން ޝައީއު އާއި ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމާއި ފަނޑީޔާރު މުހައްމައު ފައިސަލެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް މެންބަރުންނަށް ރިޝްވަތު ދިން ކަމުުގެ ތުހުމަތުގައިވެސް މީގެ ކުރިން ފާރިސްގެ މައްޗަށް ދައުވާ ކުރިއެވެ. ނަމަވެސް އެ މައްސަލަ ސާބިތެއް ނުވިއެވެ.
އެ މައްސަލަތަކަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، އެމަނިކުފާނާ ހިޔާލުތަފާތުވެ އިދިކޮޅާ އެއްކޮށް ފާރިސް މަސައްކަތް ކުރަން ފެށުމާއެކު އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު