ޚަބަރު

ނުވަ ކޯޓަކަށް އެޑްމިނިސްޓްރޭޓަރުން އައްޔަން ނުކުރުމަށް ޑީޖޭއޭގެ މައްޗަށް ނެރުނު އަމުރު ހައިކޯޓުން ބަދަލެއް ނުކުރި

އިބްރާހިމް ޒަކީ

ނުވަ ކޯޓަކަށް އެޑްމިނިސްޓްރޭޓަރުން އައްޔަން ނުކުރުމަށާއި އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން އައްޔަން ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރު ބަދަލު ނުކުރުމަށް ހައިކޯޓުން ނިންމައިފި އެވެ.

ހައިކޯޓުން މިގޮތަށް ނިންމީ، ޓްރައިބިއުނަލްގެ އެ އަމުރުތަކަކީ ގާނޫނާ ހިލާފު އަމުރުތަކެއް ކަަމަށް ބުނެ އެ އަމުރުތައް ބާތިލުކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމުގަ އެވެ.

ނުވަ ކޯޓަކަށް އެޑްމިނިސްޓްރޭޓަރުން އައްޔަން ނުކުރުމަށް ޓްރައިބިއުނަލުން އަމުރު ކުރީ، 2019 އިން ފެށިގެން ޑީޖޭއޭ އިން އަމަލު ކުރަން ފެށި، "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ އުސޫލު"ގެ ދަށުން އެ ނުވަ ކޯޓުގެ އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމު އަދާކުރެއްވި ބޭފުޅުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އުސޫލުތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލު ކުރުމަށާއި އެ ފަރާތްތަކަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި އެއީ މިހާރު ވެސް ވަޒީފާގައި ދެމި ތިބި ފަރާތްތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ޓްރައިބިއުނަލުން އެ އަމުރު ނެރުނު ސަބަބެއްކަމުގައި ބުނެފައިވަނީ، "އެ މަގާމުތަކަށް މުވައްޒަފުން އައްޔަން ކޮށްފިނަމަ "އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ ކޯޓުތަކުގައި

އަދާކުރަމުން އަންނަ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމު އުވިގެން ދާނެ ކަމަށް ބުރަވެވޭތީ އާއި މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް އަދި ގާނޫނީ މަރުކަޒެއް އޮތްކަމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެގެންވާ ކަމުގައި ބުރަވެވޭތީ،" ކަމަށެވެ.

މީގެ އިތުރުން އެ މި މައްސަލަ ތަކުގައި ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މަގާމުތަކަށް ދާއިމީ މުވައްޒަފަކު އައްޔަން ކޮށްފިނަމަ މައްސަލަ ނިމޭ ގޮތަކުން އެ ފަރާތްތައް އެ ވަޒީފާގައި ބޭތިއްބުމަށް އަމުރުކުރާ ހާލަތެއްގައި އެ އަމުރު ތަންފީޒު ކުރުމަށް މާލީ ގޮތުން ދަތި ކަމަކަށްވެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން ލިބުމުގެ އިހުތިމާލު އޮތް ކަމަށް ބުރަވެވޭތީ ކަމަށް ވެސް ބުނެފައިވެ އެވެ.