ފ. ނިލަންދޫއަށް ސާވޭއަކަށް ފޮނުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާއާ ކޮންޓެކްޓު ވެގެން ކަރަންޓީނު ކުރި މީހުންގެ އަދަދު 30 އަށް އަރައިފި އެވެ.

ނިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ މުހައްމަދު "ވަން" އަށް އިއްޔެ ވިދާޅުވީ، އެރަށު ކުނިގޮނޑުގެ ސާވޭއެއް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ހަތަރު ބޭފުޅަކު މިދިޔަ ބުރާސްފަތި ދުވަހު މާލެއިން އެރަށަށް ދިޔަ ކަމަށެވެ.

އެބޭފުޅުން މިދިޔަ އާދީއްތަ ދުވަހު އެނބުރި މާލެ ވަޑައިގެންނެވި އިރު، އޭގެ ތެރެއިން އެއް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް އެކަން އެޗްޕީއޭ އިން ނިލަންދޫ ކައުންސިލަށް އެންގީ އިއްޔެ އެވެ.

އެ ކޭސްއާ ގުޅިގެން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި އެންމެން ކަރަންޓީން ކުރަމުން އަންނަ އިރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، މިހާތަނަށް ނިލަންދޫން 10 ގެއެއްގައި 30 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެރަށް މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައެއް ނުވެ އެވެ.

އެ ސެންޓަރުން ބުނީ، ރަށެއް މޮނީޓަރިންގެ ހާލަތަށް ގެންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދަން ޖެހުމުންނާއި ރަށުގައި ލޯކަލް ސްޕްރެޑެއް އޮތް ކަމަށް ގަބޫލު ކުރެވުމުން ކަމަށެވެ.

ޗްޕީއޭގެ ގައިޑްލައިނުގައި ކުރިން ސަރުކާރު މުވައްޒަފުންނަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ނަގައިގެން ކަރަންޓިނު ނުވެ ފަސް ދުވަހަށް މާލެއިން އަތޮޅުތަކަށް ދެވެ އެވެ.

ނަމަވެސް ކޭސްތައް އިތުރުވާން ފެށުމުން، އެ އުސޫލަށް އެޗްޕީއޭ އިން ބަދަލު ގެނެސް، މިހާރު އާންމުކޮށްފައިވާ ގައިޑްލައިނުގައިވާ ގޮތުން އެއްވެސް މީހަކަށް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާ ގޮތަށް ނޫނީ އަތޮޅުތަކަށް ގޮސް ރަށްރަށަށް އެރުމަކީ މަނާ ކަމެކެވެ.