ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލައިލާ އިރު، ކޮވިޑަށް ޕޮޒިޓިވް 101 މީހަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާދެމުންނެވެ. މިމަހު ފެށުނުއިރު ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދިޔައީ 25 މީހެކެވެ.

ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯއެއް ވަނީ ކޮވިޑުގެ ފަރުވާއަށް ހާއްސަކޮށްފައެވެ. އެގޮތުން ޑީއެޗް 11 ގައި ފަރުވާދެމުން އަންނަނީ ކޮވިޑުގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށެވެ. އެ ފްލޯގައި ގާއިމުކޮށްފައިވަނީ އައިސީޔޫއެކެވެ. ޑީއެޗް 16 ގައި ހިންގަމުން އަންނަނީ ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 143 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 112 މީހަކާއި އަތޮޅުތެރެއިން ހަތް މީހަކާއި ރިސޯޓުތަކުން 24 މީހެކެވެ.

މި ހަފުތާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. މި ހަފުތާގެ މިހާތަނަށް 505 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު 108 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ހޯމަ ދުވަހު 109 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އިއްޔެ 145 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ މަހު ދަށުގައި އުޅުނު ނަމަވެސް، މިމަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 15،390 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،366 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައެވެ. އެއީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.