ޚަބަރު

ރާއްޖެ އިސްތިހާރު ކުރަން ތޯމަސްކުކް އިންޑިއާއާއެކު މާކެޓިން ކެމްޕޭނެއް ފަށައިފި

އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަން އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ތޯމަސް ކުކް އިންޑިއާއާ އެކު އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ ދަށުން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުމަށް ޝައުގުވެރިކަން އުފައްދައި، އެގައުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ރާއްޖެ އިސްތިހާރު ކުރާނެ ކަމަށެވެ. އަދި ތޯމަސް ކުކް އިންޑިއާގެ އޮންލައިން ޗެނަލްތައް މެދުވެރިކޮށް، ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށް ވެސް ބުންޏެވެ.

މި ކެމްޕޭނާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ތޯމަސްކުކް އާއެކު ޖޮއިންޓް މާކެޓިން ކެމްޕޭން ފަށާފައިވަނީ އިންޑިއާ މާކެޓުގައި އެންމެ ބޮޑު އޮޕަރޭޓަށް ވުމުގެ އިތުރުން އިންޑިއާއަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށްވާތީ ކަމަށެވެ.

"މި ކެމްޕޭންގެ ސަބަބުން އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރެވޭ. ރާއްޖެއަކީ ހަމައެކަނި ހަނީމޫން މަންޒިލެއް ނޫން. އެކި ފަންތީގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭން ތަފާތު ތަޖުރިބާތަކެއް ލިބެން އެބަހުރޭ. އެގޮތުން މި ކެމްޕޭނުގެ ސަބަބުން އިތުރަށް ރާއްޖެ އިސްތިހާރު ވެގެންދާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ތޯމަސް ކުކް އިންޑިއާއަކީ އެ ގައުމުގައި ޓްރެވަލް ސާވިސްގެ އިތުރުން މައިސްގެ ހިދުމަތް ވެސް ދޭ ކުންފުންޏެކެވެ. އެ ކުންފުންޏަށް ވަނީ ޓީޓީޖީ ޓްރެވަލްސް އެވޯޑްސްގެ "ބެސްޓް ޓްރެވަލް އެޖެންސީ"ގެ އެވޯޑާއި ޓައިމްސް ޓްރެވަލް އެވޯޑްސް 2018 އަދި 2019 ގައި "ބެސްޓް އައުޓް ބައުންޑް ޓުއާ އޮޕަރޭޓާ"ގެ އެވޯޑު ހާސިލުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އަދި 2019 ވަނަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ވެސް އެ ގައުމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރޭގައި އިންޑިއާގެ 14،752 ޓޫރިސްޓުން ހިމެނެ އެވެ.