ޔޫކޭގެ ކޮވިޑްގެ ހާލަތުގެ ހުރިހާ ޒިންމާއެއް ނަންގަވާ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ޔޫކޭގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރާފައިވާއިރު އެގައުމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ހުރިހާ ޒިންމާއެއް ފުރިހަމައަށް ނަންގަވާނެ ކަމަށާއި ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ބޮރިސް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެގައުމުގެ ކޮވިޑްގެ އަދަދުތައް ފެނިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށާއި ބަލީގައި މަރުވެދިޔަ ހުރިހާ މީހުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

ޔޫކޭ ވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރި ފުރަތަމަ ގައުމު ކަމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދަކައްކަވަމުން އެގައުމުގެ ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރު ކްރިސް ވިޓީ ވަނީ ކުރިޔަށް އޮތް ދެހަފްތާއެއްހާ ދުވަސް ތެރޭ ޔޫކޭގައި ކޮވިޑްޖެހިގެން މަރުވާ މީހުންގެ އަދަދު ދަށް ވާނެކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

ޕްރޮފެސަރު ކްރިސް ވަނީ ޔޫކޭ އިން ފެނުނު އާ ވޭރިއަންޓްގެ ސަބަބުން އެގައުމުގެ ހާލަތު ބޮޑުތަނުން ދަށްވި ނަމަވެސް ލޮކްޑައުން ކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމަށާއި ހާލަތު ކޮންޓްރޯލް ވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.