ފަތުރުވެރިން ފިޔަވައި ރާއްޖޭން ބޭރުން އަންނަ އެންމެން ކަރަންޓީނު ވާން ޖެހޭ ގޮތަށް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިއުލާނެއްގައި ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނު ވާން ނުޖެހެއެވެ. ނަމަވެސް ދިހަ ދުވަހުގެ މުއްދަތަށް ގޭގައި މާސްކު އަޅައިގެން އުޅުމާއި އެކަހެރިވެ ތިބުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް ޕީސީއާރް ޓެސްޓު ނުހަދައިވެސް ރާއްޖެ އާދެވެއެވެ. ނަމަވެސް ރާއްޖެ އައިސް ޕީސީއާރް ޓެސްޓު ހަދަން ޖެހެއެވެ. އަދި ރާއްޖެ އައިސް ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ޖެހެއެވެ.

ނަމަވެސް މިހާރުވެސް އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހީންނާއި ބިދޭސީ މަސައްކަތްތެރީން ދިހަ ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ. އެއީ އިނގިރޭސިވިލާތުން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނުމާ ގުޅިގެންނެވެ.