މ. ކޮޅުފުށިން އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ކޮޅުފުށި ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް "ވަން" އަށް ވިދާޅުވީ މާލެ ދިޔަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެމީހާގެ ކޮންޓެކްޓުންނާއި ރަށުގެ އެކި ސަރަހައްދުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ނުވަ މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ބާކީ 20 ސާމްޕަލްގެ ނަތީޖާ ނުލިބިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވީ ނުވަ މީހުންގެ ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

ޝާމިލް ވިދާޅުވީ އެރަށުގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު އަދިވެސް ދެނެގަނެވިފައިނުވާ ކަމަށާއި އެރަށަށް ކޮވިޑް ފެތުރުނު ގޮތް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ކޭސްތައް ފެނުމާއެކު ފިޔަވަޅުތައް މިހާރު ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުނިކުތުމަށާއި މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި ކާބޯތަކެއްޗާއި އެހެނިހެން ބޭނުންތައް ފޯރުކޮށްދިނުމަށް ޓާސްކް ފޯސް އެކުލަވާލައި، މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.