ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމު ތަންތަނުގެ ތެރޭގައި ހިމެނޭ ފުޑްކޯޓަށް ވަނުމުގައި ހުރަސްއެޅޭ ގޮތަށް ތަންތަން ހުރުމުން އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށަފައިވާކަން މާލޭ ސިޓީކައުންސިލުން ބުނެފި އެވެ.

މާލޭސިޓީގައި ހުންނަ ފުޑް ކޯޓު ދޮރުމައްޗަށް ވާ ގޮތަށް ސައިކަލް ޕާކް ކުރަމުންދާތީ ސައިކަލް ނުވަދެވޭނެހެން ދަގަނޑު ހޮޅިތަކެއް ޖަހާފައިވާތީ އެތަނަށް ދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަނުގެ އެތެރެއަށް ވަނުމަށް ގިނަ ހުރަސްތަކާ ދިމާވެފައިވާތީ އެމީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަންބޮޑުވުންތަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމު ތަންތަނުގެ ތެރޭގައި ހިމެނޭ ފުޑްކޯޓަށް ވަނުމުގައި ހުރަސްއެޅޭ ގޮތަށް ކަންހިނގުމުން، އާންމު ފަރާތްތަކުންނާއި، މީޑިއާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ، މާލޭ ސިޓީ ކައުންސިލުން މިކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ޝަމާއު ވަނީ މިއަދު މިކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ މިފަދަ ހުރިހާ ފަރާތްތަކެއްގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށްވާ މިރުޒާ މުނީރު އޭނާގެ ފޭސްބުކުގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ ފުޑްކޯޓަކީ އޭނާ ވަރަށް ގިނައިން ދާ ތަނެއް ކަމަށާއި އެހެން ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އާންމު ތަންތަން ހަދާ މަރާމާތު ކުރާ އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު މެދު ވިސްނާނީ ކޮންއިރަކުންތޯ އޭނާ ވަނީ ސުވާލު ކޮށްފަ އެވެ.