ކުޅިވަރު

ޕާކް ވޮލީ މުބާރާތް: ފިރިހެން ޗެމްޕިއަންކަން ބަގީޗާއަށް، އަންހެން ޗެމްޕިއަންކަން ޕޮލިހަށް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ބޭއްވި ޕާކް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގީޗާ ހޯދިއިރު، އަންހެން ބައިގެ ތަށި ޕޮލިސް ކްލަބުން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ، ހުޅުމާލޭ ޔޫތު ޕާކުގެ ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ބަގީޗާ އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރި ހޯދީ ދެ ސެޓު އެއް ސެޓުންނެވެ. އެޓީމުން ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ނަދީމް (ނަދީމްބެ) އާއި ފަތުހުﷲ ވަހީދު (ފައްލޯ)، އިބްރާހިމް އާދިލް (ކޮއްކޮ) އަދި އިސްމާއިލް ޝިހާބްގެ އިތުރުން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ފާހަގަކޮށްލެވިފައިވާއިރު، ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ތަރި އާދަމް ނަސީމް (އެޑަމް) ހިމެނެ އެވެ. ދެން އެ ޓީމުގައި ހިމެނެނީ އަދުނާން އަބްދުލް ހަމީދު، ޖުނައިދު އަބްދުﷲ، ހުސެއިން ޝަރީފް އަދި މުހައްމަދު އަބްދުﷲ ނާސިރު އެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދެ ސެޓުން ދި ފައިވް ބަލިކޮށް ޕޮލިހުންނެވެ. ތަށި އުފުލާލި ޕޮލިސް ޓީމުގައި ހިމެނެނީ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ފާތިމަތު ޒީނިޔާ، އައިމިނަތު ޝަހާ ޝާމިން، މަރިޔަމް ހަލީމް އަދި ފާތިމަތު ނުހާ އެވެ. ދި ފައިވް ޓީމުގައި ހިމެނެނީ އައިމިނަތު އަރީޝާ، އައިޝަތު ޝައްފަ، ނުހާ ވަހީދު (ނުއްޕު)، ހަމްނާ ހުސެއިން އަލި ދީދީ އަދި އައިޝަތު އިމްތިނާން އެވެ.

މުބާރާތުގެ ފިރިހެން މޮޅު ކުޅުންތެރިއަކަށް ކުޑަކާއްޓޭ ހޮވިފައިވާއިރު، އަންހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލިސް ޓީމުގައި ހިމެނޭ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ޒީނިޔާއެވެ.

ވީއޭއެމްގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ މުބާރާތުގެ ތެރެއިން ޖެންޑަ މިނިސްޓްރީގެ ގެވެށި އަނިޔާއާ ދެކޮޅަށް ހިންގޭ ޕްރޮގްރާމް "ގެވެށި ގުޅުން" ޕްރޮމޯޓްކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

"މައި ހުޅުމާލެ ޕާކްވޮލީ ޗެމްޕިއަންޝިޕް" ގެ ނަމުގައި ބޭއްވި މި މުބާރާތުގެ ގަވާއިދު ބުނެފައިވާ ގޮތުން، ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިންގެ ނަން ޖެހޭ އިރު، ފިރިހެން ޓީމުތަކުގައި ކުޅުންތެރިން ހިމެނުމަށް ވަނީ ވަކި އުސޫލުތަކެއް ކަނޑައަޅައިފައެވެ. ފިރިހެން ޓީމުތަކުގައި 35 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ޖަހަން މަޖުބޫރެވެ.

ކޮވިޑް 19އާއެކު ކުޅިވަރުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މާލޭ ސަރަހައްދުގައި ހުއްޓިފައި އޮތުމަށްފަހު، މިހާރު އަންނަނީ އަނެއްކާވެސް މުބާރާތްތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މުބާރާތްތަކަށް އެޗްޕީއޭއިންވެސް ހުއްދަ ދީފައިވާ އިރު، އެފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި އަމަލު ކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.