މިހާރު ދިވެހި އަސްކަރިއްޔާއަކީ ކުރިއަށްވުރެވެސް ބޮޑަށް އަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަ މުއައްސަސާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހި ސިފައިންނަކީ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި އަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައްވެސް ގާއިމުކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްވުރެ މިހާރު އިތުރުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާ ހިދުމަތުގެ ފެންވަރު މަތިކުރުމަށް، މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން ބޭސްފަރުވާގެ ކަންކަމާއި ރެކްރިއޭޝަންގެ ހިދުމަތްތައްވެސް ފުޅާކުރެވިއްޖެ ކަމަށެވެ. އަދި އެހެން ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ދިވެހި އަސްކަރިއްޔާއަކީ ކުރިއަށްވުރެވެސް ބޮޑަށް އަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަ މުއައްސަސާއެއް. އެމްއެންޑީއެފް އަކީ އަސްކަރީ ހިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށް ގިނަ ހިދުމަތްތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ސިފައިން ދިވެހި ރައްޔިތުންނަށްޓަކައި ވަމުން އަންނަނީ އަގުނުކުރެވޭ ފަދަ މަތިވެރި ގުރުބާނީތަކެއް ކަމަށާއި ކޮވިޑްގެ ވެކްސިން ދިނުމަށް، މިހާރު ވަމުން އަންނަ ތައްޔާރީތަކުގައިވެސް ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް އަންނަނީ ލިބެމުން ކަމަށެވެ.
މޭޖާ ރޭންކުން، ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ތިން އަންހެން ބޭފުޅުން ބަދަލުވުމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ސިފައިންގެ ތާރީހުގައިވެސް، އަދި ދިވެހި އަންހެނުންގެ އަސްކަރީ ހިދުމަތުގެ ތާރީހުގައިވެސް، މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެކަމުން އެނގެނީ، ދިވެހި އަސްކަރިއްޔާގައިވެސް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު އޮތްކަމާއި ސިފަވަންތަކަމުގެ ގޮތުންނާއި ހިންގުންތެރިކަމުގެ ދާއިރާއިންވެސް ގާބިލު އަންހެން ބޭފުޅުން ތިއްބެވިކަން ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމީ ހިދުމަތުގެ ކޮންމެ ދާއިރާއަކީވެސް ގިންތީގެ ތަފާތުކުރުމެއްނެތި ގައުމުގެ ކޮންމެ ފަރުދަކަށްވެސް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ އަދި ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ދާއިރާއަކަށް ހެދުމަށް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ ކުރިއަރުވައި ތަރައްގީކުރުމުގައިވެސް އެ ސިޔާސަތަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައިވެސް ޒަމާނީ އަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތައުލީމީ ފެންވަރަށާއި އެމީހެއްގެ ސިފަވަންތަ އަހުލާގަށާއި ނަތީޖާ ނެރެދޭ މިންވަރަށާއި ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު