ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުން ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކޮށްފައިވާ އުސޫލަކީ 2012 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލްއަޒީޒު ވިދާޅުވީ ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތުވިޔަސް އެ ހިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑއާތަކުން ގެނެސްދީފައިވާ ހަބަރުތަކަކީ އޮޅުމެއް ކަމަށެވެ.
"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު މިއީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލުކުރަމުންދާ އުސޫލެއް. އިއްޔެ މި އުސޫލު އަލުން ޝާއިއުކޮށްފައިވަނީ މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރަށް ގެނެވުނު ބަދަލަކާ ގުޅިގެން. މިއީ މި އުސޫލަށް ގެނެވުނު 10 ވަނަ އިސްލާހު،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ގެނެވުނު އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވުނު ބަދަލު ކަމަށާއި އެއީ ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަސް ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުގައިވާ ގޮތުން ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތައި އެފަދަ ނިންމުންތަކާ މެދު ހިޔާލު ތަފާތުވިޔަސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދުން ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ ފަރާތްތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު